ދުބާއީއަށް ފުރަން އުޅުނު ދިވެއްސެއްގެ އަތުން، ގަވާއިދާ ހިލާފަށް ބޭރުކުރަން އުޅުނު 1 ލައްކައަށް ވުރެ ގިނަ ޔޫރޯ ފެނުމާއެކު އޭނާ ހުއްޓުވައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނީ، މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދުބާއީއަށް ފުރަން އުޅުނު ދިވެއްސެއް ސްކްރީން ކުރި އިރު އޭނާގެ އަތުން 1 ލައްކައަށް ވުރެ ގިނަ ޔޫރޯ ފެނިފައިވާ ކަަމަށާއި އެ ފައިސާއަކީ ގަވާއިދާ ހިލާފަށް ބޭރުކުރަން އުުޅުނު ފައިސާ ކަން އެނގިފައިވާ ކަމަށެވެ.
ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު)ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން، 10,000 އެމެރިކާ ޑޮލަރު ނުވަތަ އެއަށް ވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެ އަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ދިވެހިރާއްޖެ އަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެ އިން ބޭރު ކުރާނަމަ ކަސްޓަމްސް އަށް ޑިކްލެއާ ކުރަން ޖެހެއެވެ. އޭވިއޭޝަނުން ބުނެފައިވާ ގޮތުގައި މިއަދު ހިފެހެއްޓި 1 ލައްކައަށް ވުރެ ގިނަ ޔޫރޯއަކީ ކަސްޓަމްސް އިން ޑިކެލެއާ ނުކޮށް ބޭރު ކުރަން އުޅުނު ފައިސާ އެވެ.
އެހެންކަމުން މިހާރު އެ ފައިސާ ވަނީ ކަސްޓަމްސްއާ ހަވާލުކޮށްފައި ކަމަށް އެވިއޭޝަން ސެކިއުރިޓީން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ދިވެހި ވިޔަފާރި ވެރިއެކެވެ. އެ ފައިސާ ހިފެހެއްޓުމުން އޭނާ ވަނީ އެ ފައިސާއަކީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމަށް ބޭރު ކުރާ ފައިސާ ނޫން ކަމަށް ކަށަވަރު ކޮށްދީފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި މިހާރު އެ ފައިސާ އޭނާ އާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ.
މިއަދު ގިނަ ޔޫރޯ ތަކެއް ހިފަހެއްޓި މައްސަލައެއް ފެންމަތިވި އިރު މި މަހުގެ 12 ވަނަ ދުވަހު ވެސް އޭވިއޭޝަން ސްކްރީނިން ތެރެއިން ގިނަ އަދަދެއްގެ ބޭރު ފައިސާ އާއެކު ރާއްޖެއިން ބޭރަށް ފުރަން އުޅުނު ބިދޭސީއެއް ހިފެހެއްޓިއެވެ. އެ ގޮތުން އިއްޔެ ހިފެހެއްޓި ބިދޭސީ މީހާގެ އަތުގައި އެކި ގައުމުގެ ބޭރު ފައިސާ ހުރި އިރު އޭގެ އަގު ދިވެހި ރުފިޔާއިން 1 މިލިއަނަށް ވުރެ ގިނަ ކަމަށް ކަސްޓަމްއިން ވަނީ ބުނެފައެވެ. އަދި އެ ފައިސާ އަކީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމަށް ބޭރު ކުރާ ފައިސާ ނޫން ކަން އެމީހާއަށް ކަށަވަރު ކޮށްދެވިފައި ނުވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.