ވ. އަތޮޅު ފަޅުރަށެއް ކަމަށް ވާ ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުން ބުނީ، އެ ރަށުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު 11 ޖަހާކަށް ހާއިރު ކަމަށެވެ. އަދި އެއީ ބިދޭސީ ކަމަށް ބެލެވޭ ކަމަށާއި އެމީހާ ފެނުނީ އެ ރަށަށް ދަނޑި ކަނޑަން ގޮސް އުޅުނު ބަޔަކަށް ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެމީހާގެ ހަށިގަނޑު މިހާރު މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނިފައިވާ އިރު އެމީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ފެންނަން ހުރި ކަމާ ބެހޭ ގޮތުން ފުލުހުން މައުލޫމާތު ދީފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.