ކަސްޓަމްސްއަށް ޑިކްލެއާ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާތަކެއް ހިފަހައްޓައިފިއެވެ.
ކަސްޓަމްސްއިން ބުނީ، މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 07:30 ގައި ބަންގަލަދޭޝްގެ ޑާކާއަށް ފުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ފްލައިޓް 502Q2 އިން ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ މީހެއްގެ އަތުން ތަފާތު އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ. އެ ފައިސާއާ އެކު ހިފަހައްޓާފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 34 އަހަރުގެ ފިރިހެނެއް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އެގޮތުން އެ މީހާގެ އަތުން އަތުލައި ގަނެވުނު ފައިސާއަކީ ކަސްޓަމްސްއަށް ރިޕޯޓްކޮށްފައި ނުވާ ފައިސާ ކަމަށާއި އަތުލައި ގަނެވުނު ފައިސާގެ ޖުމްލަ އަކީ ދިވެހި ރުފިޔާއިން 1,148,278.27 ރުފިޔާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު)ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން، 10,000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެއަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ދިވެހިރާއްޖެ އިން އެތެރެކުރާ ނުވަތަ ދިވެހިރާއްޖެ އިން ބޭރު ކުރާނަމަ ކަސްޓަމްސް އަށް ޑިކްލެއާ ކުރަން ޖެހޭ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މި މައްސަލަ ދަނީ އިތުރަށް ތަހްޤީޤު ކުރަމުންނެވެ.