ކޮވިޑް އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އަންނަ ހުކުރު ދުވަހުން ފެށިގެން ހުކުރު ހުތުބާ ކުރުކޮށް ކިޔަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ކޮވިޑް 19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަހުގެ 19 ވާ ހުކުރު ދުވަހުން ފެށިގެން ހުކުރު ހުތުބާ ކުރިޔަށްވުރެ ކުރުވާނެ ކަމަށެވެ. އަދި މިގޮތަށް އަމަލު ކުރަން ނިންމާފައި ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ހުކުރު ދުވަހުގެ ހުކުރު ހުތުބާ ކުރުކުރުމަށް ނިންމާފައިވާއިރު މި ހާލަތުގައި މިސްކިތްތަކަށް ދާ މީހުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި މުސައްލަ ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން ހިމެނެއެވެ. އަދި ނަމާދުކޮށް ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.
މީގެ އިތުރުން މިސްކިތުގައި މާސްކު އެޅުމަށާއި މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބަހައްޓަން އިސްކަން ދޭން ޖެހެއެވެ.
ކޮވިޑްގެ މިހާލަތުގައި މާލެ ސަރަހައްދުގައި ހުރި މިސްކިތްތައް ބަންދު ނުކޮށް ކުރިއަށް ގެންދިޔަ ނަމަވެސް އައްޑޫ އަދި ފުވައްމުލަކުގައި ހުރި މިސްކިތްތަކުގައި ޖަމާއަތް ހެދުން ވަނީ މަނާ ކޮށްފައެވެ.