ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ދެ ބިދޭސީން ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރި ކަމަށް އެދިއްޖެއެވެ.

ފުލުހުން ބުނީ މި ދެމީހުން ހޯދަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދާ ދެ ބިދޭސީންނަކީ އުމުރުން 38 އަހަރުގެ ތާރާ މިއަ އާއި އުމުރުން 36 އަހަރުގެ ކަމާލް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ދެމީހުންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ އެކި މައްސަލަތަކުގައި، އުޅޭ ވަކި ތަނެއް ނޭނގޭ ބިދޭސީންނާއި ދިވެހިން، ފުލުހަށް ހާޒިރުވުމަށް އަންގާ އެކަން އާންމުކޮށް އިއުލާން ކޮށްފައެވެ. އެގޮތުން ވައްކަމުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތަކުގައި ފުލުހުން ވަނި މީގެ ކުރިން ވެސް މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

މިފަދަ ކަންކަމަށް އާންމުން ދޭ އެއްބާރުމަށް ފުލުހުން އަންނަނީ ޝުކުރު ވެސް އަދާކުރަމުންނެވެ.