މި މަހުގެ 13 ވަނަ ދުވަހު ސްނޯކްލިން އަށް ނުކުތް ފަތުރުވެރިއަކު ގެއްލިފައިވާ އިރު އަދިވެސް އޭނާ ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، މިދިޔަ ހޮނިހިރު ދުވަހު ރ. އަތޮޅު އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން އެކަނި މޫދަށް ދިޔަ އަންހެން ފަތުރުވެރިޔާގެ ހަބަރެއް ނުވުމުން އޭނާ ހޯދުމުގެ މަސައްކަތް މިއަދު ވެސް އެމްއެންޑީއެފް ނޮދަން އޭރިއާ، ކޯސްޓްގާޑް ސްކޮޑްރަން އާއި ރިސޯޓްގެ މެނޭޖުމަންޓް ގުޅިގެން ކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ހޯދުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އެ މީހާ ފެނިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެގޮތުން މިއަދު 54 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑުމަގުން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ހަމައެއާއެކު ޑައިވްކޮށްގެން ޖުމްލަ 138،000 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މީގެ އިތުރުން ކައިރީގައި ހުރި ފަޅުރަށްތައް ވެސް ބަލާފައިވާ ކަމަށް އެންއެންޑީއެފުން ބުނެއެވެ.

ފަތުރުވެރިޔާ ހޯދުމަށް ކުރެވިފައިވާ މަސައްކަތް ދައްކުވައިދޭ ޗާޓެެއް / ފޮޓޯ: އެމްއެންޑީއެފް

މި މީހާ ހޯދުމުގެ މަސައްކަތުގައި ކަނޑުގެ ސަރަހައްދު ބެލުމުގައި ކޯސްޓްގާޑް ކާމިޔާބު ލޯންޗާއި ހާބާ ކްރާފްޓް ލޯންޗްގެ އިތުރުން އެ ރިސޯޓްގެ ދޯނިފަހަރާއި ލޯންޗް ފަހަރުވެސް ވަނީ ހަރަކާތްތެރިވެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.. އަދި ވައިގެ މަގުން ޑޯނިއާ ފްލައިޓް ވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެ ފަތުރުވެރިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ 8:58 ހާއިރެވެ. އޭނާ ލައިގެން ހުރީ ރަތް ކުލައިގެ ހެދުމެއް ކަމަށް މައުލޫމާތު ލިބެއެވެ. އެއީ ކެނެޑާއަށް ނިސްބަތްވާ 37 އަހަރުގެ މީހެކެވެ.