އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އއ.މަތިވެރިއަށް ދަތުރު ކުރި 11 މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނީ، ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މާލެއިން ރަށްރަށަށް ދަތުރު ކުރުމަށް ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް އއ. މަތިވެރިއަށް ދިޔަ 11 މީހަކު މިއަދު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ 11 މީހަކުން މަތިވެރިއަށް މިއަދު ދަތުރުކޮށްފައި ވަނީ ދަތުރު ފަތުރު ކުރުމަށް އެޗްއީއޯސީން ނަގަން ޖެހޭ ހުއްދަ ނުނަގާ ކަމަށް ފުލުހުން ބުނެއެވެ.

މި ކަމާ ގުޅިގެން ފުލުހުން އިތުރަށް ބުނީ، ކޮވިޑް ބަލި ފެތިރެމުންދާ މި ހާލަތުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް އާންމުން ވަރަށް ހަރުކަށިކަމާއެކު އަމަލު ކުރަމުން ދިއުމަށް އެދޭ ކަމަށެވެ. އެ ފިޔަވަޅުތަކަކީ އާންމުންގެ ސަލާމަަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ކަމަށް ފުލުހުން ބުނެއެވެ.

އަދި މިހާރު ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުން ދާ އިރު، އާންމުން އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރޭ ތޯ ވަރަށް ގާތުން މޮނިޓާ ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ކޮވިޑްގެ ހާލަތުގެ ސަބަބުން ރަށްރަށަށް ދަތުރު ކުރާ ފަރާތްތަކުން ކުރިން 14 ދުވަހަށް ކަރަންޓީން ވާގޮތަށް އޮތް ނަމަވެސް ފަހުން އެ މުއްދަތު ވަނީ 10 ދުވަހަށް މަދުކޮށްފައެވެ. އެގޮތުން ރަށްރަށަށް ދާ ފަރާތްތައް ހާލު ބެލުން ޕޯޓަލް މެދުވެރިކޮށް އެޗްއީއޯސީ އާއި ކައުންސިލްގެ ހުއްދަ ނަގަން ޖެހެއެވެ.