ގއ. މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މިމަހުގެ ކުރީކޮޅު ހިންގި ގްރޫޕް މާރާމާރީގައި ވަޅިން ދިން ހަމަލާގައި މަރުވި އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، ގެ ޕޯސްޓް މޯޓަމް ހަދަން އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ، މާމެންދޫގައި މަރުވި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް މިއަދު ފޮނުވާލާފައިވާ ކަމަށެވެ. އެގޮތުން ޕޯސްޓް މޯޓަމް ހެދުމަށް ހަމަޖެހިފައި ވަނީ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ކަމަށް ފުލުހުން ބުނެއެވެ.

މި މަހުގެ 8 ވަނަ ދުވަހުގެ ރޭ 10:00 މާމެންދޫގައި ހިނގި މާރާމާރީގައި 2 މީހަކު ޒަހަމް ވަނީ ޒަހަމްވެފައެވެ. އެ ދެމީހުންގެ ތެރެއިން އުދައްޔު އަށް ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ގއ. އަތޮޅު ހޮސްޕިޓަލުން ބުނެފައި ވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

އެ މާރާމާރީގައި ޒަހަމް ކޮށްލި ދެވަނަ މީހަކީ އުމުރުން 21 އަހަރުގެ މީހެކެވެ. އެއީ އުދައްޔުގެ ބޭބެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެ މާރާމާރިއާ ގުޅިގެން 5 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންގިސްފައިވާ އިރު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ މޫދުގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ސިދުރަތުﷲގެ ޕޯސްޓް މޯޓަމް ހައްދާފައެވެ. އޭނާގެ ޕޯސްޓްމޯޓަމްވެސް ހައްދާފައި ވަނީ ހަށިގަނޑު އިންޑިއާއަށް ގެންގޮސްގެންނެވެ.