ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭރަށް ފުރުވާލި މައްސަލައިގައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް އާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
މި މައްސަލަ ބަލަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުމަށް އެދި ހުށަހަޅާފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިނާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.
އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އެ އަޑުއެހުން ފަށާފައި ވަނީ އެ ދުވަހުގެ 14:30 ގެ ފަހުންނެވެ. އަދި އެ އަޑު އެހުން ނިންމާލާފައި ވަނީ އެ ދުވަހު ހަވީރު 4 ޖެހި ފަހުން ކަމަށް ޕީޖީން ބުނެފައި ވެއެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން ރާއްޖެ ދޫކޮށް އޭނާ ފުރާ ވަޑައިގެންފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ހަވީރު ޓާކިޝް އެއާލައިނުގައި ލަންޑަނަށެވެ.
މި ކަމާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކުރިން ނެރެފަިއވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލް ކުރުމުގެ ކުރިން އޭނާ ފުރާފައިވާ ކަމަށެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފައެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ 4 މަސް ދުވަހަށެވެ. އަދި ޖާމިނުވާ ފަރާތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.