ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަކް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު އެ ކޯޓުން ބާތިލު ކުރުުމުން، އެ ނިންމުން އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށް ކްރިމިނަލް ކޯޓުން ގާޒީ ހަސަން ސައީދު ސޮއިކުރައްވައިގެން ނެރުނު އަމުރުގައި ބުނެފައި ވަނީ އަލީ ވަހީދު ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަަމަށް އެ އަމުރުގައި ބުނެއެވެ.
އެ ކޯޓު އަމުރު ނެރުނު ފަހުން އެރޭ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ކޯޓް އަމުރުގައި އޮތީ އޮޅުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދީ މިފިޔަ ބުރާސްފަތި ދުވަހު ޕީޖީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކްރިމިަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރަން ނިންމި އަޑުއެހުން ނިންމާލި އިރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައި ކަމަށް މައުލޫމާތު ލިބިފައި ވާތީ އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ނުދެކޭ ކަމަށެވެ.
މި މަހުގެ 9 ވަނަ ދުވަހު މެންދުރު ފަހު 1:30 ގައި ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލް ކުރި އަލީ ވަހީދުގެ އަޑުއެހުން ފަށާފައި ވަނީ އެދުވަހުގެ 14:30 ގެ ފަހުން ކަމަށެވެ. އަދި އެ އަޑު އެހުން ނިންމާލާފައި ވަނީ އެ ދުވަހު ހަވީރު 4 ޖެހި ފަހުން ކަމަށް ޕީޖީން ބުނެއެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން ރާއްޖެ ދޫކޮށް އޭނާ ފުރާ ވަޑައިގެންފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ހަވީރު ޓާކިޝް އެއާލައިނުގައި ލަންޑަނަށެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ 4 މަސް ދުވަހަށެވެ. އަދި ޖާމިނުވާ ފަރާތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.
އަލީ ވަހީދުގެ މައްޗށް 7 ދައުވާއެއް އުފުލާފައި ވާއިރު އޭނާގެ މައްޗަށްއެ ދައުވާތައް އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރައްވާފައިވާ ކަމުގެ ތުހުމަތު އެ މުވައްޒަފުން ކުރުމުންނެވެ. އެގޮތުން އެ މުވައްޒަފުން ވަނީ އަލީ ވަހީދުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައެވެ.