ރ އަތޮޅުގެ ރިސޯޓެއް ކަމަށްވާ އިންޓާކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު އިން ރޭ ސްނޯކްލިން އަށް ގޮސް އުޅެނުކޮށް ގެއްލިގެން ހޯދަމުންދިޔަ އަންހެން ފަތުރުވެރިޔާ އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެމިހާ މިހާތަނަށް ފެނިފައި ނުވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ނޮދާން އޭރިޔާގެ ކޯސްޓްގާޑުގެ ޑައިވަރުން ހުއްޓުމެއްނެތި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެގޮތުން ކަނޑުގެ ސާފޭސް ބެލުމާއި ޑައިވް ކޮށްގެން ބަލަމުންދާ ކަމަށް އެމްއެންޑިއެފުން ބުނެއެވެ.

އޭނާ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވަނީ ރޭ 8:58 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އޭނާ ލައިގެން ހުރީ ހުރީ ރަތް ކުލައިގެ ހެދުމެއް ކަމަށް މައުލޫމާތު ލިބެއެވެ. އެއީ ކެނެޑާއަށް ނިސްބަތްވާ 37 އަހަރުގެ މީހެކެވެ.

ފަތުރުވެރިޔަކު ގެއްލިގެން ހޯދަމުން ދާއިރު، ‏ޑައިވިން އަށް ދާ މީހުން ގެއްލުމާއި ފަތުރުވެރިން މީހުން މަރުވުމުގެ ހާދިސާތައް ހިނގަމުންދާ މިންވަރު ރާއްޖޭގައި މިހާރަކަށް އައިސް ގިނަކަން ވަނީ ފާހަގަ ކުރެވިފައެވެ.