ކޮވިޑް-19ގެ ތިންވަނަ ރާޅެއް ރާއްޖެއަށް ކުރިމަތިވެފައި ވާއިރު، ޕޮޒިޓިވްވާ މީހުންގެ އަދަދުތައްވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި މަހުގެ ފުރަތަމަ 14 ދުވަހަށް ބަލާނަމަ އިއްޔެ އަކީ ރާއްޖެއިން މި ފަހުން ކޮވިޑަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ދުވެހެވެ. ޖުމްލަ 209 މީހަކާއެކު ރާއްޖޭގެ ކޮވިޑަށް ޕޮޒިޓިވްވި ނަންބަރު ވަނީ 17,716 އަށް އަރާފައެވެ. ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވެ ވެފައި ވާއިރު މި މަހު އެކަނި 6 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.

ކޭސްތައް އިތުރުވެ ކޮވިޑް މަރު އިތުރުވަމުން ދާން ފަށާފައި މި ވަނީ ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށިތާ ކައިރީގައެވެ. މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރި ވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައި ވާއިރު، މާލެ ސަރަހައްދުގައި އިސްލާމީ މަރުކަޒާއި، ރައްޔިތުން މަޖިލިސް ކުރާ އިދާރާ، ހުޅުމާލޭ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ.

ހަމައެއާއެކު އައިޖީއެމްއެޗާއި އޭޑީކޭ އާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ވެސް ދަނީ ވެކްސިން ޖަހައި ދެމުންނެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ 61 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ރާއްޖޭގެ 5 ޕަސެންޓް މީހުން ވެކްސިން ޖަހާފައި ވާއިރު މިހާތަނަށް ޖުމްލަ 33،107 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.

ރައީސް ސޯލިހް ކޮވިޑް ވެކްސިން ޖައްސަވަނީ / ފޮޓޯ: ދަ ޕްރެސް

ފެބްރުއަރީ މަހު ކޮވިޑްގެ 6 މަރު!

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވާއިރު މިހާތަނަށް ކޮވިޑް ޖެހިގެން ޖުމްލަ 58 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 50 ދިވެހިންނާއި 8 ބިދޭސީއެކެވެ. ކޮވިޑް ޕޮޒިޓިވް ކޭސްތަކާއެކު އެންމެ ގިނައިން މަހެއްގެ ތެރޭ މީހުން މަރުވެފައި ވަނީވެސް މި މަހުއެވެ. އެގޮތުން މިހާތަނަށް މި މަހު ކޮވިޑް ބަލީގައި ހަ މީހަކު ވަނީ މަރުވެފައެވެ.

އެއީ މި މަހުގެ 3 ވަނަ ދުވަހު މަރުވި 70 އަހަރުގެ ދިވެހި ފިރިހެނަކާއި 4 ވަނަ ދުވަހު މަރުވި 84 އަހަރުގެ ދިވެހި ފިރެހެނެކެވެ. އަދި މި މަހުގެ 7 ވަނަ ދުވަހު މަރުވި 60 އަހަރުގެ އަންހެނެކެވެ. ހަމަ އެ ދުވަހު ދުބާއީއަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު 38 އަހަރުގެ ދިވެހި ފިރެހެނަކުވެސް ވަނީ މަރުވެފައެވެ. އެއަށްފަހު މިދިޔަ އަންގާރަ ދުވަހު 77 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ މަރުވެފައެވެ.

ފަނޑިޔާރު މުޖުތާޒުގެ ޖަނާޒާ

ކޮވިޑްގެ ނުރައްކާ ރާއްޖެއަށް ބޮޑުވެފައި ވާއިރު، މިދިޔަ ހޮނިހިރު ދުވަހު ކައިރި ކައިރީގައި ވަނީ ދެ މީހަކު މަރުވެފައެވެ. އެ ރޭ 8:12 ހާއިރު ކޮވިޑް ޖެހިގެން 78 އަހަރުގެ އަންހެނަކު މަރުވެފައި ވާއިރު އެރޭ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި ވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެއެވެ. އޭނާއަށް ކޮވިޑް ޖެހިފައި ވާކަން އެނގިފައި ވަނީ ފަހުން ހެދި ޓެސްޓު ތަކުންނެވެ. އެއަށް ފަހު އެރޭ ފަތިހު 3:17 ހާއިރު އުމުރުން 59 އަހަރުގެ އަންހެނަކު އައިޖީއެމްއެޗް އަށް ގެންދިޔަ އިރުވެސް ހަރަކާތް ނުކުރާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އޭނާވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ފިޔަވަޅުތައް ހަރުކަށިކޮށް، ލޮކްޑައުނެއްގެ އިންޒާރެއް!

ކޮވިޑްގެ ކޭސްތައް މަތިވެ ކޮވިޑް މަރު އިތުރުވަމުން ދާ މި ދަނޑިވަޅުގައި ލޮކްޑައުނަށް ދިން ލުއި އަނެއްކާވެސް މި ވަނީ ހަރުކަށިކޮށް ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައެވެ. ސިއްހީ މާހިރުންގެ ލަފައާއެކު ފިޔަވަޅުތަކަށް އަމަލު ކުރުވުމަށް ފުލުހުންވެސް މަގުތައް މަތީ ހަރަކާތްތެރި ވާން ވަނީ ފަށާފައެވެ.

3 ވަނަ ރާޅުގައި އަޅާފައިވާ ފިޔަވަޅުތައް:

  • އިރުއޮއްސި 6:00 އިން ހެންދުނު 6:00 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ (ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވާ)

  • މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކާފިއު

  • މާލެ ހުޅުމާލެ ބަސް ދުއްވޭނެ އެންމެ ފަހު ގަޑިއަކީ 10:30
  • ހުޅުމާލެ ވިލިނގިލި އަދި ތިލަފުށި ފެރީގެ އެންމެ ފަހު ގަޑި 10:30
  • ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ހުއްޓާލުމަށް އެންގުން

  • ޕްރީ ސްކޫލްތަކާއި ނާސަރީތަކާއި ޑޭކެއާ ހިދުމަތް ދޭ ތަންތަން ބަންދުކުރުމަށް އެންގުން
  • ގްރޭޑް 1 އިން 6 އަށް އޮންލައިންކޮށް ކިވައިދޭން އެންގުން
  • ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް އެންގުން

  • އެކަނި ކުރާ ކަސްރަތުތައް ފިޔަވާ، ގްރޫޕް ކަސްރަތާއި ކުޅިވަޅު ހުއްޓާލަން އެންގުން

  • ޕާޓީތަކާއި ހަފްލާތަކުގެ އިތުރުން ރަސްމިއްޔާތުތައް ބޭއްވުން މަނާ ކުރުން

  • މަގުމަތީގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ ނޫޅުން
  • ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން

ކޮވިޑް ވެކްސިން ޖަހަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

ޕޮލިސް ޕޯޓަލްގެ ހުއްދަ:

  • އިއްޔެ އިން ފެށިގެން 24 ގަޑިއިރުގެ ޑިއުޓީ އަދާކުރާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް ހުއްދައެއް ދޫކުރުން
  • ގެސްޓްހައުސް އާއި ކެފޭ / ރެސްޓޯރެންޓް ހިންގުމުގެ ހުއްދަ
  • ޕޮލިސް ޕޯޓަލް މެދުވެރިކޮށް ކެފޭ/ ރެސްޓޯރެންޓް ތަކަށް ޑެލިވަރީ ކުރުމަށް 2 އުޅަނދަކަށް ހުއްދަ (އިރުއޮއްސި 6:00 އިން ރޭގަނޑު 10:30 އަށް)
  • ގެސްޓްހައުސް ހިންގާ ފަރާތްތަކުން ބޭނުން ކުރާ 1 ވެހިކަލަށް ހުއްދަ ދޫކުރުން
  • އިމަޖެންސީ ޕާމިޓް ( ޑޮކްޓަރަށް ދެއްކުމަށް، ސަހަރާއަށް ދިއުން ފަދަ އެމަޖެންސީ ކަންކަމަށް)
  • ފެނާއި ގޭސް ޑެލިވަރީ ކުރުމަށް 2 އުޅަނދަކަށް ހުއްދަ
  • ކޮންމެ ޓެކްސީ އަދި ޕިކަޕް ސެންޓަރަކަށް 10 ފާސް (ޓެކްސީ ތަކުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޕާޓްޝަން ނުޖަހާނަމަ ހުއްދަ ބާތިލް ކުރާނެ)
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ / ފޮޓޯ: ފުލުހުން

ރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓާ އަހުމަދު ނާސިރު ވިދާޅުވީ، މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ އިތުރު ލޮކްޑައުން އަކަށް ނުދިއުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށެވެ. ނަމަވެސް، ކޭސްތައް ކޮންޓްރޯލް ނުވާނަމަ ހަރުކަށި ނިންމުންތަކެއް ނިންމަން ޖެހިދާނެ ކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ.

ފިޔަވަޅުތަކަށް ތަބާ ނުވާނަމަ ބޮޑު އަދަދަކުން ޖޫރިމަނާއެއް:

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކަށް އާންމު ފަރުދަކު ތަބާނުވެއްޖެނަމަ އަމަލު ކުރާނެ އުސޫލު ރޭ ތަކުރާރުކޮށް ހަނދާން ކޮށްދީފައެވެ. އެގޮތުން؛

  • ފުރަތަމަ ފަހަރު 1،000 ރުފިޔާ ޖޫރިނަމާ
  • ދެވަނަ ފަހަރު 3،500 ރުރިޔާ ޖޫރިމަނާ
  • ތިންވަނަ ފަހަރު 7،500 ރުފިޔާ ޖޫރިމަނާ
  • ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އާޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ފުލުހުން: ކާފިއު ގަޑީގައި ބޭރުގައި އުޅޭ މީހަކު ހުއްޓުވައިގެން / ފޮޓޯ: ފުލުހުން

އަދި ހަމަ އެހެންމެ ގާނޫނީ ޝަހުސަކުން އަމަލު ނުކޮށްފި ނަމަ؛

  • ފުރަތަމަ ފަހަރު 5،000 ރުފިޔާ ޖޫރިމަނާ
  • ދެވަނަ ފަހަރު 25،000 ރުފިޔާ ޖޫރިމަނާ
  • ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާ
  • ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ
  • ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ

މިދިޔަ އަހަރު 3 މަހަށް ކުރި ލޮކްޑައުންގެ މަތިން ތަކުރާރު ކޮށް ހަނދާން ކޮށްދެމުން ދާއިރު، އެއީ އެއްވެސް ދިވެއްސަކު އަލުން ކުރަން ބޭނުން ވާނެ ތަޖުރިބާއެއް ނޫންކަން ޔަގީނެވެ. އަދަދުތައް މަތިވެ ސިއްހީ ދާއިރާއަށް ކޮންޓްރޯލް ކުރަން އުނދަގޫ ވެއްޖެ ނަމަ އިތުރު ކޮލްޑައުނަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ދެމުން ދާއިރު ފަރުދީ ޒިންމާ އަދާކުރުން މުހިންމެވެ. އެޗްޕީއޭ އާއި ސިއްހީ މާހިރުންނާއި ކޮވިޑްގެ އިރުޝާދު ދޭ ފަރާތްތަކުން އަމަލު ކުރުމަށް ބުނާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަންވީއެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަކީ ފަރުދީ ޒިންމާ އަކަށް ހަދާ ތިބާއާއި އެހެންމީހުން ސަލާމަތް ކުރާށެވެ.