ކ. ތިލަފުށިން ކޮވިޑް-19އަށް 73 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ، އިއްޔެ ސިނާއީ ރަށަކުން ޕޮޒިޓިވްވި 73 މީހުންނަކީ ތިލަފުށިން ޕޮޒިޓިވްވި މީހުން ކަމަށެވެ.

ސިނާއީ ރަށެއްގެ ގޮތުގައި އޮތް ތިލަފުށްޓަކީ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ރަށެކެވެ. އަދި މާލެއާ ދެމެދު ފެރީގެ ދަތުރުތައްވެސް ހަމަޖެހިފައިވާ ރަށެކެވެ.

ތިލަފުށި ކްލަސްޓާގެ އިތުރު ތަފްސީލެއް އެޗްއީއޯސީން ހާމަކޮށްފައި ނުވާއިރު، އިއްޔެގެ އިރު އޮއްސުމާ ހަމައަށް 209 މީހަކަށް ރާއްޖެއިން ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރެއިން 101 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 108 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 1837 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ 215 ކޭސްއެވެ.

ރާއްޖޭގައި ކޭސްތައް ގިނަ ވަމުންދާ 3 ސަރަަހައްދެއް ވަނީ މޮނިޓަރިން ހާލަަތަށް ލައި ކާފިއު އިއުލާން ކޮށްފައެވެ. މާލެ ސަރަަހައްދުގެ އިތުރުން އައްޑު އަދި ފުވައްމުލައްވެސް ވަނީ ކާފިއު އިއުލާން ކޮށްފައެވެ.