ގައުމީ ޓީމްގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އަދި އަކުރަމް އަބްދުލްޣަނީ އަކީ ޖިހާދަށް ދާން ތައްޔާރުވެފައި ތިބި ބައެއް ކަމަށް ބުނެ، އެމީހުންނަކީ ހަރުކަށި ފިކުރުގެ ބައެއްގެ ގޮތުގައި ލޭބަލް ކުރުމުން، އެ މީހުންގެ ދިފާއުގައި މުޅި ގައުމު ތެދުވެއްޖެއެވެ.

އެމްޑީޕީގެ ކުރީ ސަފުގައި ހިމެނޭ މީހެއް ކަމަށްވާ ސޫޒަން އިބްރާހިމް ކުރި ޓްވީޓެއްގައި އަޝްފާގާއި އަކްރަމް ހަރުކަށި ފިކުރުގެ ބައެއްގެ ގޮތުގައި ލޭބަލް ކޮށްފައިވެއެވެ. އަޝްފާގައި އަކްރަމްގެ ޕޯސްޓަރެއް ރިޓްވީޓްކޮށް ސޫޒަން ބުނީ ސީރިއާއަށް ޖިހާދަށް ދާން ތައްޔާރުވެފައި ތިބި ބަޔަކު ފުޓްބޯޅަ ކުޅޭތަން ބަަލން މިހާރު ދާނެހޯ އޭނާގެ ރައްޓެއްސަކު ސުވާލު ކޮށްފައިވާ ކަމަށެވެ.

އަދި ޓީމް ބަލިވެއްޖިއްޔާ ދަނޑުވެސް

ގޮއްވާލަފާނެ ކަމަށާއި ސިޑިބަރީގައި އިންނަން ދާނީ ކާކުހޯ ވެސް ރައްޓެއްސަކު ސުވާލު ކޮށްފައި ވާ ކަމަށް ސޫޒަން ބުންޏެވެ. މިކަމާ ހިތްހަމަ ނުޖެހި، ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވީ ސޫޒަން އަށެވެ.

ދިވެހި ފުޓްބޯޅަ ކުޅުންތެރިން ހަރުކަށި ފިކުރުގެ ބައެއްގެ ގޮތުގައި ލޭބަލް ކުރުމުން ފޫޓްބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅަށް ތެދުވެފައެވެ. އެގޮތުން، ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފާއި، ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލު ވެސް ހިމެނެއެވެ. އަދި ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ އަޝްފާގާއި އަކްރަމަކީ މި ގައުމުގެ ބަތަލުން ކަމަށެވެ. އަދި ތުނބުޅި ނުވަތަ ބުރުގާ އަޅާފައި ތިބޭ އެންމެނަކީ ހައްދުފަހަނަ އަޅާފައި ވާ ބައެއް ކަމަށް ދެކޭ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށް މަހްލޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މުޖުތަމައުގައި އުޅޭނީ ތަފާތު ވިސްނުމުގެ މީހުން ކަމަށާއި، ހިޔާލު ތަފާތު ވިޔަސް އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކޮށްގެން އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ.

ބައްސާމް ވިދާޅުވީ ފުޓްބޯޅާ ކުޅުންތެރިންނަކީ ގައުމަށް ރީތި ނަން ހޯދާ ދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށާއި، ކުރިއަތް އޮތްތާ ވެސް ކުރާނެ ބައެއް ކަމަށެވެ. އަދި އެމީހުންނާ ބެހޭގޮތުން މިފަދަ ތާކުންތާކު ނުޖެހޭ ވާހަކަ ދައްކާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

މީގެ އިތުރުން އެފްއޭއެމުން ނެރުނު ނޫސް ބަޔާނުގައި ބުނީ ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަކީ ސީރިޔާއަށް ޖިހާދަށް ދާން ތައްޔާރުވެފައިވާ ބައެއް ކަމަށާއި ޓީމު ބަލިވެއްޖެނަމަ ދަނޑުވެސް ގޮއްވާލާނެ ކަމަށް ބުނެ އިއްޔެ ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެ އެސޯސިއޭޝަނުން އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެފްއޭ އެމުގެ ބަޔާނުގައި ބުނީ މިއީ މިހާތަނަށް ފުޓްބޯޅައާ ގުޅުވައިގެން ދައްކާފައި ހުރި ވާހަކަތަކެއް ނޫން ކަމަށާއި މިއީ އާދައިގެ ކަމެއް ކަމަށް ނުބަލާ ކަމަށެވެ. އަދި ކަމާ ބެހޭ އިދާރާތަކުން މިކަމުގެ ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ އާންމުން ވަނީ ފުޓްބޯޅަ ކުޅުންތެރިންގެ ދިފާއުގައި ތެދުވެ، އެމީހުންނަށް ތައުރީފު ކޮށްފައެވެ.