ކޮވިޑް-19ގެ ކޭސްތައް އިތުރު ވަމުން ދިއުމާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަލް ސްޓޭޓަސް މަތި ކޮށްފިއެވެ.

މިކަމާ ގުޅިގެން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަނަލް ސްޓޭޓަސް ލެވަލް 2 އަށް މަތި ކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ކަންކަން ލީޑް ކުރުމަށް އާ އެސިސްޓަންޓް ކޮމިޝަނަރެއް އައްޔަން ކޮށްފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ކުރިއަށް އޮތް މަސް ދުވަހަށް ފުލުހުންގެ މުއައްސަސާ އިން އެންމެ އިސްކަން ދޭނީ މިހާރު މަތިވެފައިވާ ކޮވިޑް-19ގެ ސާޖް ދަށް ކުރަން އެހީތެރިވެ ދިނުމަށް ކަމަށެވެ. ހަމައެއާއެކު، ސީޕީ ވަނީ އެޗްޕީއޭގެ ގައިޑްލައިން ތަކަށް ތަބާ ވުމަށާއި، އާންމުން ފުލުހުންނާ ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފައެވެ.

ފުލުހުންގެ އޮޕަރޭޝަނަލް ސްޓޭޓަސް މަތިކޮށްފައި ވަނީ މާލެ ސަރަހައްދުން ކޮވިޑް-19ގެ ކޭސްއެއް ފުރަތަމަ ފެނުމާއެކު ފުލުހުން އެލާޓް ވި ވަރަށެވެ. އޭރު އެލާޓް ލެވެލް މަތި ކުރުމާއެކު، ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފުލުހުންނަށް އެމީހުންގެ އާއިލާ ކައިރިއަށް ގެއަށް ނުދެވޭނެހެން ވަކި އެކޮމޮޑޭޝަނެއް ހަމަޖެއްސިއެވެ.

ކޮވިޑް-19ގެ ހާލަތު ގޯސްވަމުން ދާއިރު، މިއީ ކޮވިޑްގެ އެންމެ ނުރައްކާ ރާޅު ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކޮވިޑް ޖެހޭ މީހުންގެ އަދަދު އިންތިހާއަށް ގިނަވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުން ވެސް ގިނަވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ހެލްތު ނިޒާމަށް ވެސް މިހާރު ބުރަބޮޑު ވެފައިވާ ކަމަށާއި ބަލި މީހުންނަށް ފަރުވާދޭން ހުރި އެނދުތައް ގާތްގަނޑަކަށް ފުރިފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި އަހަރު ފެށުނު ފަހުން އަނެއްކާ ވެސް ރާއްޖޭގައި ކޮވިޑް ކޭސްތައް މި ވަނީ އިތުރު ވާން ފަށާފައެވެ. އެގޮތުން މިހާރު ކޮވިޑް ޖެހުނު ޖުމްލަ މީހުންގެ އަދަދު މި ވަނީ 17000 އިން މައްޗަށް ގޮސްފައެވެ.