މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ މަރުވެފައި ވަނީ ދިވެހި ފިރިހެނެއް ކަމަށާއި އެއީ އުމުރުން 61 އަހަރުގެ މީހެއް ކަމަށެވެ.
އެމީހާ މަރުވެފައި އޮތީ ކިހާ އިރަކު ކަމެއް އަދި މަރުވި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން އެމައްސަލަ ބަލަމުން ދާކަން ހާމަކޮށްފައި ވާއިރު މީގެ ކުރިންވެސް މާލޭގެ ގޭގޭގައި މީހުން މަރުވެފައި ވާ ހާދިސާތައް ފުލުހުން އާންމު ކޮށްފައި އެބަ ހުއްޓެވެ.
މި ދުވަސްވަރަކީ ކޮވިޑުގެ ބަލިމަޑުކަން ބާރަށް ފެތުރޭ ދުވަސް ވަރަކަށް ވުމުގެ އިތުރުން މާލޭގައި ކޮވިޑް ފެތުރެން ފެށި ފަހުން މަރުގެ ތަފާތު އެކިއެކި ހާދިސާތައް ވެސް ވަނީ ހިނގާފައެވެ. އެގޮތުން ބައެއް މީހުން ގޭގޭގައި މަރުވެފައި ވާއިރު އެއީ ކޮވިޑް މަރު ނޫން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައ ވާކަން ފާހަގަ ކުރެވެއެވެ. އަދި މާލޭގެ މަގުމައްޗަށް ބައެއް މީހުން ވެއްޓިގެން ހޮސްޕިޓަލަށް ގެން ގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވާ ހާދިސާތައްވެސް ހިނގާފައި ވެއެވެ. އެފަދަ އެއް ހާދިސާއެއްގައި މަރުވި ބިދޭސީ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެސް ވެފައެވެ.
މިރޭ 11 ޖެހުމާ ގާތްވެފައި ވަނިކޮށް ގަލޮޅުގައި ހިނގި އެ ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.