ކޮވިޑް ފެތުރުން އިތުރުވުމާ ގުޅިގެން މާލެ ސަރަހައްދުގައި ގްރޭޑް 1 އިން 6 އަށް އޮންލައިންކޮށް ކިޔައިވައިދޭން ނިންމައިފިއެވެ.

އެޑިއުކޭޝަނުން މިރޭ އާންމު ކުރި ކުރު ބަޔާނެއްގައި ބުނީ އެ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން 2 ހަފްތާގެ މުއްދަތަށް ކަމަށެވެ. އަދި އެއީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރާ ކަމެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ކުރިއަށް އޮތް 2 ހަފްތާއަށް އޮންލައިން ކްލާސްތައް ކުރިއަށް ގެންދަން ނިންމާފައި ވާއިރު، ކޮވިޑާ ގުޅިގެން ކުރިން ލޮކްޑައުންކޮށް އޮންލައިންކޮށް ކްލާސް ހިންގި އިރު ޑޭޓާ ދިން ގޮތަށް މި ފަހަރު ޑޭޓާ ދޭނެ ކަމެއް ނުވަތަ ނޫން ކަމެއް އެޑިއުކޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ މުއްދަތުގައި ކުރިން ގެންދިޔަ ގޮތަށް ޓެލިކިލާސްތައް ގެންދާނެ ކަމެއް ނުވަތަ ނޫންކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ކުރިން ލޮކްޑައުންވެ ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލި އިރު ކުރިއަށް ގެންދިޔަ ޓެލިކިލާސް ޕްރޮގްރާމަކީ އެ ޕްރޮގްރާމުތަކުގެ ރެކޯޑިން ފެންވަރު ދައްވުމާއި ބައެއް ޕްރޮގްރާމުތަކުގައި ކިޔާ ނުކިޔާއެއް ނޭނގުމުގެ މައްސަލަ ބޮޑު ޕްރޮގްރާމުތަކެކެވެ.

އަންނަ އާދީއްތަ ދުވަހުން ފެށިގެން 2 ހަފްތާއަށް އޮންލައިން ކްލާސްތައް ކުރިއަށް ގެންދަން ނިންމާފައި ވާއިރު، ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް ކިޔަވައިދެނީ ސްކޫލަށް ގެން ގޮސްގެންނެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެން ގޮސްފައި ވާއިރު، އެޗްޕީއޭއިން މިހާރު ވަނީ އިރުއޮއްސި 6 އިން ހެނދުނު 6 އަށް އެއްގަމު އުޅަނދު ނުދުއްވޭ ގޮތް ހަދާފައެވެ. އަދި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން އެއްތަނަކަށް އެއް ނުވެވޭގޮތްވެސް ހަދާފައެވެ.