ފަތުރުވެރި ކަމުގެ އުންމީދީ އަހަރު ގުނަމުންދާ އިރު، ރެކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އިއްޔެ އައިސް އާ ރެކޯޑެއް ހަދާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް މިއަހަރު ފަތުރުވެރިން އައި އަދަދުގެ ރެކޯޑް އިއްޔެ މުގުރާލާފައިވާ ކަމަށެވެ. އެ ގޮތުން އިއްޔެ 4700 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މިދިޔަ އަހަރު ކޮވިޑް ބަލި މަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު އަނދަވަޅަކަށް ވެއްޓިފައި އޮތުމަށް ފަހު ފަތުރުވެރިކަމުގެ ސިނާއަތު ކޮޅަށް ޖެހުމަށް ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތަަކަށް ޑރ. މައުސޫމް ވަނީ ޝުކުރު އަދާކުރެއްވާފައެވެ.

ހަމައެއާއެކު ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މިހާރު ވެކްސިން ޖަހަމުންދާ މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ފެންނަނީ ވަރަށް އުންމީދީ ކޮށް ކަމަށް މައުސޫމް ވިދާޅުވިއެވެ.

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް އައި ކިލަނބު ދުވަސްތަކަށް ފަހު ފަތުރުވެރިކަން ކުރިއަރާފައި މިވަނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވައި ފަތުރުވެރިން ރާއްޖެއަށް އައުމަށް އެތައް ކެމްޕޭންތަކެއް ކުރުމުގެ ސަބަބުންނެވެ. އެގޮތުން މިދިޔަ ޖުލައި 15 އިން ޑިސެމްބަރު 30 ގެ ނިޔަލަށް 169،964 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ.

މިދިޔަ އަހަރު ނިމުނު އިރު 5 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު އެއީ އެ އަހަރު ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރި ޓާގެޓަށް ވުރެ އިތުރު އަދަދެކެވެ. އަދި މި އަހަރުވެސް ފަތުރުވެރިކަން ކުރި އެރުވުމަށް ގިނަ ކެމްޕޭން ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް "ފަތުރުވެރިކަމުގެ ރަން އަހަރު 2022" ކައުންޓްޑައުން ވަނީ ފަށާފައެވެ.