ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅުގައި މިއަދު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި އަނިޔާވި 4 މީހަކަށް ފަރުވާ ދެމުންދާ ކަަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
'ދަޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިއަދު އެ ކޯލިޝަނުން ކުރި ސުލްހަވެރި އިހްުތިޖާޖުގައި އެއްވެސް މީހަކު ފުލުހުން ހައްޔަރުކޮށްފައި ނުވި ނަމަވެސް މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަަމަށެވެ. އެ ގޮތުން 4 މީހަކަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަަމަށް ހީނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ސީދާ ކޮން ބައިވެރިންތަކެއް ކަން ހީނާ ހާމައެއް ނުކުރައްވައެވެ.
ރައްޔތުންގެ އަޑު އުފުލުމުގެ ނަމުގައި މިއަދު "މަގޭ ފްލެޓް ކޮބާ؟" ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ވަނީ އެއްވުމުގައި ބައިވެރިންގެ ގަޔަށް ޕެޕާސްޕްރޭ ޖަހައި، ބޫޓުން ތަޅައި އަނިޔާ ކޮށްފައި ކަމަށް އިދިކޮޅުން ބުނެއެވެ. އަދި ސުލްހަވެރިކަމާއެކު ކުރިއަށް ގެންދާ މިފަދަ މުޒާހަރާތައް ރޫޅާލުމަށް ކުރާ މަސައްކަތާއި ބައިވެރިން ހައްޔަރު ކުރުން އެ ކޯލިޝަނުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގައި ރައްޔިތުން މަޖިލިސް ކައިރިން ބައިވެރިންގެ ގަޔަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ މަގުމައްޗަށް ވެއްޓިފައި ވެސް މެއެވެ.
އިދިކޮޅުން މިއަދު ކުރި މުޒާހަރާ ހޫނުވެ، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުން ހިނގާ ފުލުހުންނަށްވެސް ވަނީ އަނިޠާ ވެފައެވެ. އެގޮތުން 2 ފުލުހަކު ހޭނެތިގެން ގެންދަން ޖެހުނުކަމަށްވެސް ބައެއް ބައިވެރިން ބުންޏެވެ.
އިދިކޮޅުން މުޒާހަރާ މިއަދު ކޮށްފައި ވާއިރު ކޮވިޑް ކޭސްތައް ގިނަވެ ދެވަނަ ރާޅެއް އައިސް ހާލަތު ގޯސްވެއްޖެ ކަމަށް ބުނެ އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން މާލެ ސަރަހައްދުގައި އެއްގަމު އުޅަން ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ވަނީ ހަވީރު 6 އިން ހެނދުނު 6 އަށް މިއަދުން ފެށިގެން ހަމަޖައްސާ ފައެވެ. މާލެ ސަރަހައްދުގައި މިހާރު ކާފިއު ވަގުތަކީ ރޭގަނޑު 8:30 އިން ފަތިހު 4:30 އާ ދެމެދެވެ.
އެޗްޕީއޭއިން މިފަދައިން އެންގުމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެޗްޕީއޭގެ އެންގުން ތަންފީޒު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ.