އދ. ދަނގެތީގައި ހުންނަ ރެސްޓޯރަންޓެއް އަނދާ ހުލި ވެއްޖެއެވެ.

ފުލުހުން ބުނީ، އދ. ދަނގެތީގައި ހުންނަ ރެސްޓޯރަންޓެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އެ ހާދިސާ ހިންގައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ރޭ ދަންވަރު 3:25 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އަލިފާން ނިއްވާލުމަށް ފުލުހުންނާއެކު ރަށުގެ ރައްޔިތުން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަލިފާން ނިއްވާލެވުނު އިރު އެ ރެސްޓޯރަންޓުގައި ހިފާ ގެންގުޅޭ ސާމާނުތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައި ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާ ހިނގީ ކޮން ސަބަބަކާ ގުޅިގެން ކަން އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ދަނގެތީގައި ހުރި ރެސްޓޯރަންޓްގައި އަލިފާން ރޯވެފައި ވަނިކޮށް

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ދަނގެތި ބީޗުގައި ހުންނަ ކޮމްޕަސް ބީޗް އެންޑް ބިސްޓްރޯ ހޮޓެލްއެވެ. ރެސްޓޯރަންޓް ހުރި އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.