އުތުރު އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ އެރިޓްރެއާ އާއެކު ދިވެހިރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެރިޓްރެއާ އާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމާ ގުޅޭ ޖޮއިންޓް ކޮމިއުނިކޭގައި ސޮއިކޮށްފައި ވަނީ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖޭން އދއަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ދިވެހިރާއްޖޭން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެންއެވެ. އަދި އެރިޓްރެއާގެ ފަރާތުން ސޮއި ކުރެއްވީ އެރިޓްރެއާގެ ފަރާތުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ސޯފިއާ ޓެސްފަމަރިއަމް ޔޮހާނޭސް އެވެ.
ދިވެހިރާއްޖެއާއެކު އޮންނަ ގުޅުމަށް އިހްތިރާމް ކުރާ، އަދި އެގުޅުމުގެ އަގު ވަޒަންކުރާ ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ހާރިޖީ ސިޔާސަތުގައި އިސްކަމެއް ދެއްވާ ކަމެކެވެ.
ރަތްކަނޑުގެ އައްސޭރީގައި އޮންނަ އެރިޓްރެއާ އަކީ އާބާދީގައި ގާތްގަނޑަކަށް 3.2 މިލިއަން މީހުން ހިމެނޭ، އަދި އިތިއޯޕިއާ، ސޫދާން، އަދި ޖިބޫތީ އާއެކު ސަރަހައްދީ އިން ހިއްސާކުރާ ގައުމެކެވެ. އެރިޓްރެއާ އާއެކު ސިޔާސީ ގުޅުން ގާއިމްކުރުމާ އެކު ދިވެހިރާއްޖޭން ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައި ވާ ގައުމުތަކުގެ އަދަދަކީ 176 އެވެ.