ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ އެމްޑީޕީ ޕީޖީ ގްރޫޕުގެ ފަރާތުން، އެ ގްރޫޕުގެ ލީޑަރު އަލީ އާޒިމެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ކުރެއްވީ 14 މެންބަރުންނެވެ.
މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވައިރު، މީގެ ކުރިން ވެސް އެމްޑީޕީ މެންބަރުން ވަނީ މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކޮށްފައެވެ. އޭރު އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް 10 މެންބަރަކު ސޮއިކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ޓެލެކޮމިއުނިކޭޝަންގެ ގާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ 2 އަހަރުވީއިރު ވެސް މިނިސްޓަރު މަލީހް ހައްދަވާފައި ނުވާ ކަމަށެވެ.
އެ ގަވާއިދުތައް މިނިސްޓަރު މަލީހު ހައްދަވާފައި ނުވާއިރު މިކަމުގައި ޖަވާބުދާރީވުމަކީ އެއިރެއްގައި މިިނިސްޓަރުކަމުގެ މަގާމުގައި ހުންނަވާ ވަޒީރުގެ ޒިންމާއެއް ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށް އެބަޔާނުގައި ބުނެއެވެ.
އެ ގަވާއިދު ތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި އެ ގަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެއެވެ.
އޭގެ އިތުރުން މަގާމުތަށް ހެއްދެވުމަށް މިނިސްޓްރީން ކުރި މަސައްކަތަށް މިނިސްޓަރު މަލީހުގެ އެއްބާރުލުން ދެއްވާފައި ނުވާކަމަށާއި އެކަމަށް މިނިސްޓަރު މަލީހު ހުރަސް އަޅުއްވާފައިވާކަން ސާފުވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.