ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދެކަނބަލުން ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.
ރައީސް މައުމޫނާއި، އެމަނިކުފާނުގެ އަނބިކަނބަަލުން ނަސްރީނާ އިބްރާހިމް ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިން ޖައްސަވައިފިއެވެ. އެ ދެ ބޭފުޅުން ވެކްސިން ޖައްސަވާފައި ވަނީ މިއަދުގެ ވަގުތެއްގައި ސެނެހިޔާ ހޮސްޕިޓަލަށް ވަޑައިގެންނެވެ. ވެކްސިން ޖެއްސެވުމަށްފަހު ރައީސް މައުމޫން ވަނީ އެކަން ޓުވީޓާގައި ހިއްސާ ކުރައްވާފައެވެ.
ރައީސް މައުމޫން ވެކްސިން ޖައްސަވާފައި ވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފިޔަވައި ކުރީގެ ހުރިހާ ރައީސުން ވަނީ ވެކްސިން ޖައްސަވާފައެވެ. ހަމައެއާއެކު، މިހާރުގެ ދައުލަތުގެ އިސްވެރިން ވެސް ވަނީ ވެކްސިން ޖައްސަވާފައެވެ. އޭގެ ތެރޭގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދި ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ސަރުކާރުގެ އެކި މުއްސަސާތަކުގެ އިސްވެރިންވެސް ވަނީ ކޮވިޑް ވެކްސިން ޖައްސަވާފައެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހެވެ. އެގޮތުން ފުރަތަމަ ވެކްސިން ޖެހި ދުވަހު މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ވަނީ ވެކްސިން ޖަހާފައެވެ. ނަމަވެސް މިހާރު މާލެ ސަރަހައްދުގެ 7 ސެންޓަރަކާއި އަތޮޅުތެރޭގެ 21 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް އެބަ ދެއެވެ.
އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު 16،251 އަރާފައިވާއިރު، މާލެއިން ވެކްސިން ޖަހާފައިވާ ޖުމްލަ މީހުންގެ އަދަދަކީ 13،418 ކަމަށާއި އަތޮޅު ތެރެއިން ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދަކީ 2833 ކަމަށް އެޗްޕީއޭއިން ބުނެއެވެ.