މިޔުޒިކް ހަރާމް ކަމަށް ގޮވުމަކީ ބައެއްގެ މުޖުތަމައު ރޫޅުމަށް ހިންގޭ މަސައްކަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިޔުޒިކަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ބައެއްގެ އާންމު ދިރިއުޅުން ހަރާމް ކަމަށް ގޮވުމަކީ އެ ބައެއްގެ މުޖުތަމައު ރޫޅާލުމަށް ހިންގޭ މަސައްކަތެއް ކަމަށެވެ. އަދި އެއީ ދިވެހިން ނިކަމެތި ކުރުމަށް ހިންގާ އަމަލެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައި ވަނީ ލަވަޔާއި މިޔުޒިކު ކުޅޭނޭ ޖަގަހަތަކެއް މާލޭގައި ހެދުމާ ގުޅޭ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވި ގަރާރުގެ ސަބަބުން ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅު ކުރަމުން ދާ ވަގުތެއްގައެވެ. ހަސަން ލަތީފު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ދަށުން، މިއުޒިކު ކުޅެ މަޖާ ކުރާނެ އެތައް މަރުކަޒުތަކެއް ނުވަތަ ޖަހަގަތަކެއް ހެދުމަށް ބާރު ލިބިގެން ދެއެވެ.
ހަސަން ލަތީފު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ، މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަކަށް ސަރުކާރުން ހައްލު ހޯދަމުން ދާއިރު އެ ގަރާރުގެ ބޭނުމަކީ އެފަދަ މަރުކަޒެއް ގާއިމް ކޮށް ޒުވާނުންގެ މިޔުޒިކްގެ ފަންނު އިތުރަށް ތަރައްގީ ކުރުމާއި އެފަދަ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމަށް ބާރުއެޅުން ކަމަށެވެ.
އެ ގަރާރަށް މަޖިލީހުގައި ފުޅާ ދާއިރާއެއްގައި ބަހުސްވެސް ކޮށްފައި ވެއެވެ. ބައެއް މެންބަރުން ވިދާޅުވާ ގޮތުން، އެބޭފުޅުންގެ ދަރިން ތަރުބިއްޔަތު ކުރަން ބޭނުންވަނީ އެބޭފުޅުންވެސް އުޅުއްވާ ގޮތަށް މިއުޒިކުގެ ތެރޭގައެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީއިން ވަނީ ދީނީ ހުކުމްތައް އޮޅުން ފިލުވައި ދިނުމަކީ ދީނީ އިލްމުވެރިންގެ ޒިންމާއެއް ކަމަށް ބުނެ ބަޔާނެއް އާންމުކޮށްފައެވެ.