ގއ. މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ރޭ ހިންގި މާރާމާރީއެއްގައި ޒަހަމްވި ޒުވާނާގެ ހާލު ރަނގަޅު ކަމަށް ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓާ ސާލިމް އަލީ ވިދާޅުވީ ރޭ މާމެންދޫގައި ހިނގި މާރާމާރީގައި ޒަހަމްވި ޒުވާނާ އެ ހޮސްޕިޓަލަށް ގެނެސްފައި ވަނީ ރޭ ދަންވަރު 3:30ހާއިރު ކަމަަށެވެ.

އެ ޒުވާނާގެ ގައިގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ޒުވާނާއަށް ފަރުވާ ދެމުން ދަނީ އެ ހޮސްޕިޓަލުގެ އެޗްޑިޔޫގައި ކަމަށާއި މިހާރު ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޒުވާނާއަށް ލިބިފައިވާ ޒަހަމް ތަކަށް ބަލާއިރު މޭމަތި އަދި ބުރަކަށްޓަށްވެސް އެބަ ހުރި ޖަހާފަ ވަޅިން، ތޫނު އެއްޗަކުން ހަމަލާ ދީފަ ހުރީ
ސާލިމް އަލީ

ރޭ އިރާކޮޅު މާމެންދޫގައި ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކުގެ ސަބަބުން އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17 ވަނީ މަރުވެފައެވެ. ފުލުހުން ބުނެފައިވަނީ އުދައްޔު އެއަތޮޅު ވިލިގނލީ ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުނުވާ ކަމަށާ އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

ރޭގެ މާރާމާރީގައި އުދައްޔުގެ ފުރާނަ ގެއްލުނު އިރު އެހާދިސާގައި ޒަހަމްވެފައިވަނީ އޭނާގެ ބޭބެއެވެ.

މާމެންދޫގައި ހިންގި މާރާމާރީގެ މައްސަލަ މިހާރު ސީރިއަސް ކްރައިމް ޑިޕާޓުމަންޓުން ބަލަން ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ، ތިން ފިރިހެނުން ހައްޔަރު ކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި އަދި 18 އަހަރުގެ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.