ކޮވިޑް ބަލިމަޑުކަން ހަލުވި ކަމާއެކު ފެތުރެމުން ދާ މި ދަނޑިވަޅުގައި މާލެ ސަރަހައްދުގައި ތިބި ބައެއް ސަރުކާރުގެ މުވައްޒަފުންތަކެއް ކޮވިޑް ބަލިމަޑުކަން ނެތް ރަށްރަށަށް ދަތުރުކުރުމުގެ ސަބަބުން ރަށްރަށް ނުރައްކަލެއްގެ ތެރެއަށް ދާން ޖެހުނު މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދެކުނުގެ ބައެއް ރަށްރަށުގައި ކޮވިޑް ކޭސްތައް ފެންނަން ފެށުމާ ގުޅިގެން މިހާރު އެ ރަށްރަށް މޮނިޓަރިންގެ ހާލަތަށް ވަނީ ބަދަލުކޮށްފައެވެ. މި ކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، މި މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އޮތް މި ދަނޑިވަޅުގައި ޖެންޑާ މިނިސްޓްރީ އާއި އޭވީއޭޝަންގެ ސްޓާފުންތަކެއް ކޮވިޑް ނެތްރަށްރަށަށް ދަތުރުކޮށްފައިވާ ކަމަށެވެ. އެ ގޮތުން ޏ. ފުވައްމުލަކާއި، ގއ. އަތޮޅުގެ އިތުރުން އައްޑޫ އަތޮޅުވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އެ ރަށްރަށުގައި ކޭސްތައް ފެންނަން ފަށާފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެރަށްރަށުގެ ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަން މިހެން ހިންގަން ދިމާވި ސަބަބު އޮޅުން ފިލުވުމަށް މިހާރުން މިހާރަށް އެކަން ތަހުގީގު ކުރުމަށް އާދަމް ޝަރީފް ގޮވާލެއްވިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މީގެ ދެދުވަސް ކުރިން ތިނަދޫ މޮނިޓިރަންލާފައިވާ އިރު މިއީ މި ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި އެރަށް މޮނިޓަރިންއަށް ލީ ދެވަނަ ފަހަރު ކަމަށެވެ. މި ގޮތުން މީގެ ހަފްތާއެއް ކުރިން ވެސް އެރަށް މޮނިޓަރިނަށް ލާފައިވާ ކަމަށާއި ތިނަދޫ އެފަހަރު މޮނިޓަރިންއަށް ލާފައި ވަނީ ޖެންޑާ މިނިސްޓްރީގެ ބަޔަކު އެރަށަށް ދިއުމަށް ފަހު މާލެ އައިސް ހެދި ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވުމުން ކަމަށް އަމްޖަދު ވިދާޅުވިއެވެ.
އެ ކޭސްއާ ގުޅިގެން އެރަށް މޮނިޓަރިންގައި ބޭއްވުމަށް ފަހު އާންމު ހާލަަތަށް ބަދަލުވި ފަހުން އަނެއްކާ ވެސް މިވަނީ އެރަށް މޮނިޓަރިން އަށް ލާފައެވެ. މި ފަހުން އެރަށް މޮނިޓަރިންއަށް ލާފައި ވަނީ އައްޑޫއިން ފެނުނު ޕޮޒިޓިވް ކޭސްގެ ކޮންޓެކްތެއް އެރަށުގައި ހުރުމުން އޭނާ ހެދި ޓެސްޓުން ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އައްޑޫގެ ހިތަދޫ ކްލަސްޓާ އާ ގުޅިގެން ފެނުނު ކޭސްތައް މިހާރު ވަނީ 19 އަށް އަރާފައެވެ. އަދި އައްޑޫ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ ކަމަށް ބެލެވޭތީ މިހާރު އެ ސިޓީގައި ވަނީ ރައްކާތެރި ކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.
އައްޑޫ ސިޓީން ފެނުނު ކޭސްތަކަކީ އޭވިއޭޝަން މުވައްޒަފުންތަކަކާ ގުޅިގެން ފެނުނު ކޭސްތަކެއް ކަމަށް ބުނެ ބައެއް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. މިކަމާ ގުޅިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެފައި ވަނީ، އައްޑޫގައި ކުރިއަށް ގެންދިޔަ ޓްރެއިނިން އަކަށް އެ ކޮމާންޑުގެ ޓްރެއިނިން ޔުނިޓުގެ ދެ މުވައްޒަފުން ގޮސްފައި ވަނީ މިމަހު ދެވަނަ ދުވަހު ކަމަށެވެ. އަދި މުވައްޒަފުން މި ޓްރެއިނިން އަށް ދިޔައީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޕީސީއާރް ޓެސްޓް ހައްދާ ނެގެޓިވް ނަތީޖާ ލިބުމުން ކަމަށެވެ.
މީގެ ކުރިން ވެސް ސަރުކާރުގެ ވެރިން ކުރި ދަތުރަކާ ގުޅިގެން ރަށްރަށަށް ކޮވިޑް ފެތުރުނު ކަމަށް ބުނެ ވަނީ އަޑުތައް އަރާފައެވެ. އެއީ މިދިޔަ އަހަރު ފަހުކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ރަސްމީ ދަތުރުފުޅު ތަކަކާ ގުޅިގެންނެވެ. އެ ދުވަސްވަރު ވަނީ ރައީސް އޮފީހުގެ މުވައްޒަފެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް ރައީސް އޮފީހުން ބުނެފައި ވަނީ އެ މުވައްޒަފު ރައީސްގެ ދަތުރުފުޅުގައި ބައިވެރިވެފައި ނުވާ ކަމަށެވެ.
ޓެސްޓް ނުހަދާދިޔައީ.... އަދި ދިރިއުޅޭ ގޭގައި ޕޮސިޓިވް ކޭސް އެއްއުޅެނިކޮށް މީދެން ބޮޑުވަރު