މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ މައްސަލާގައި ތަހުގީގަށް ހޯދާފައިވާ ވަޅީގެ ފޮރެންސިކް ތަހުލީލުތަކެއް ހެދުމަށް، ވަޅި ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނީ، ރިޟްވާންގެ މައްސަލައާ ގުޅިެން އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަރު ކޮމިޝަނުގެ މެންބަރު މިސްބާހް އައްބާސް ވިދާޅުވީ މީގެ ކުރިން މި ވަޅީގެ ފޮރެންސިކް ތަހުލީލުތަކެއް ފުލުހުން ހަދާފައި ވީ ނަމަވެސް ޒަމާނަށް އަންނަ ބަދަލުތަކާއެކު ތަހުގީގު ކުރަން ބޭނުން ކުރާ ވަސީލަތްތަކާއި އުކުޅުތަކަށް ބަދަލުތައް އަންނަމުންދާ ކަމަށެވެ.

އެގޮތުން ފުލުހުން މީގެ ކުރިން ކޮށްފައިވާ ތަހުލީލުތަކަށް ރިއާޔަތްކޮށް ވަޅި ރާއްޖެއިން ބޭރަށް ފޮނުވައިގެން އިތުރު ތަހުލީލުތައް ހަދަމުންދާ ކަމަށް މިސްބާހް ވިދާޅުވިއެވެ. މިސްބާހު ވިދާޅުވީ، އަލަށް ހަދަމުންދާ ތަހުލީލުތަކުގެ އަލީގައި، އެ ވަޅިއަކީ މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ ރިޟްވާންގެ މައްސަލައިގެން މުހިންމު ހެއްކަކަށް ވެފައިވާ ކަމަށެވެ.

އެ ވަޅިއަކީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ހުޅުމާލޭގައި ރިޟްވާން ދިރިއުޅެމުން ދިޔަ 21 ނަންބަރު ފްލެޓް ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅި ކަމަށް މަރު ކޮމިޝަނުން ބުނެއެވެ.

އެ ވަޅިއާ ބެހޭ، ޝަރީއަތަށް ބޭނުން ހިފޭނެ ފަދަ މައުލޫމާތެއް ފޯރުކޮށްދޭ މީހަކަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް މަރު ކޮމިޝަނުން ވަނީ ހުށަހަޅާފައެވެ. އެ ކޮމިޝަނުން ބުނީ މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކުން ކޮމިޝަނަށް ހާޒިރުވެ، ނުވަތަ ކޮމިޝަންގެ ނަމްބަރު 7390841 ފޯނަށް ގުޅައިގެން މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ. އަދި އެ ނަމްބަރުން ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިސްބާހް ވިދާޅުވީ ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަފަހުން ހިނގާދިޔަ ކަންތައްތަކާއި އެ ކަންތައްތަކުގެ ތަފްސީލު އެނގޭނެ މީހުން އަދިވެސް އާންމުންގެ ތެރޭގައި ތިބޭނެ ކަމަށެވެ. އަދި އެ މީހުން ފަސް ނުޖެހި، މަރު ކޮމިޝަނާ މައުލޫމާތު ހިއްސާ ކުރުމަށް މިސްބާހު ވަނީ އެދިފައެވެ. އަދި ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން މިސްބާހު ވަނީ ދެއްވާފައެވެ.

ރިޟްވާންގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވާގޮތުން ހުޅުމާލެއިން ރިޟްވާން ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން ގެންގޮސް، ދޯންޏަކަށް އެރުވުމަށް ފަހު، ކަރު ބުރިކޮށްލައި، ކަނޑުފައްތާފައެވެ. ރިޕޯޓުގައި ވާގޮތުން ރިޟްވާން މަރާލީ ރާއްޖޭގައި ހަރަކާތްތެރިވާ އަލްގައިދާގެ ބްރާންޗުންނެވެ.