ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ބަލަމުންދާ އެކި މައްސަލަތަކާ ގުޅިގެން ޖުމްލަ 11 މީހެއްގެ ޕާސްޕޯޓް ހިފަހައްޓަފައި ވާ ކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނީ، އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައެވެ. މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރު މިސްބާހް އައްބާސް ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދާ އެކި މައްސަލަތަކުގައި ޖުމްލަ 11 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައި ވާ ކަމަށެވެ.

މިސްބާހް ވިދާޅުވީ، އެކި މައްސަލަތަކުގައި ޖުމްލަ 11 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައި ވާއިރު، ރިޟްވާންގެ މައްސަލައާ ގުޅިގެން ހިފެހެއްޓީ ކިތައް މީހުންގެ ޕާސްޕޯޓްކަން ސީދާ ދަންނަވަން ދަތި ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ފަހުން ދެއްވާނެ ކަމަށް މިސްބާހު ވިދާޅުވިއެވެ.

މިސްބާހް މިހެން ވިދާޅުވެފައި ވާއިރު، މަރު ކޮމިޝަން އުފެއްދިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު، އެ ކޮމިޝަނުން ބެއްލި އެއްވެސް މައްސަލައަކާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށް، ދައުވާ ކޮށްފައެއް ނުވެއެވެ. އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލެއް ދިނުމަށް އެދުމުން މިސްބާހު ވިދާޅުވީ ބައެއް ފަރާތްތަކުގެ ޕާސްޕޯޓް ހިފަހައްޓާފައި ވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކޮން މައްސަލަތަކަކާ ގުޅިގެން ކަމެއް ވެސް މިސްބާހު ވިދާޅެއް ނުވެއެވެ.

އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން މަރު ކޮމިޝަނުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވާއިރު، އެ ކޮމިޝަނުގެ މަސައްކަތްތަކާ ބެހޭ ތަފްސީލު ހޯދުމަށް ނޫސްވެރިން ކުރި ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ކޮމިޝަނަށް ދެވިފައެއް ނުވެއެވެ. ބައެއް މައުލޫމާތުތައް ހާމަ ކުރުމަށް އުޒުރުވެރިވާ ކަމަށް ވެސް މެންބަރު މިސްބާހު ވަނީ ވިދާޅުވެފައެވެ.