ރާއްޖެ އެތެރެކުރި 61 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި މއ. ބޮއިލިންގްފިޝް، އަހުމަދު ވިސާމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު، ހައިކޯޓުން ބާތިލުކޮށްފިއެވެ.

މިކަމާ ގުޅިގެން ޕީޖީއިން ބުނީ އިރުއަލިމަސް ނަމަކަށް ކިޔާ ދޯންޏެއްގައި ބަރުދަނުގައި ގާތްގަނޑަކަށް 61 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްހުރި މއ. ބޮއިލިންފިޝް، އަޙްމަދު ވިސާމް ބަންދުން ދޫކޮށްލުމަށް މިދިޔަ ޖެނުއަރީ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ވިސާމް ބަންދުން ދޫކޮށްލުމަށް ކުރި އަމުރު ހައިކޯޓުން ބާތިލު ކޮށްފައި ވާ ކަމަށް ޕީޖީން ބުނެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރު ކުރި 11 މީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ މީހުންނެވެ. އޭގެތެރޭގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ޓްރެފިކް ކުރުމުގެ ކުށާއި، ފޭރުމާއި، ހެކި ނައްތާލަން އުޅުމާއި، ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ހިމެނޭ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ފުލުހުން ވަނީ، މަސްތުވާތަކެތި ބަލައި ދިޔަ އިރުއަލިމަސް ދޯނީގެ އިތުރުން މާލެ އާއި ހުޅުމާލެއިން ހަތަރު ގެއެއް ބަލައި ފާސް ކޮށްފައެވެ. އަދި ހައްޔަރު ކުރި 11 މީހުންގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރު ކުރި މީހުން ކަމަށް ވެސް އޭރު ފުލުހުން ބުންޏެވެ. އަނެއް ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ މާލެ އާއި ހުޅުމާލެއިންނެވެ.

ހައްޔަރު ކުރި މީހުން:

  • އަހުމަދު ވިޝާމް/ ގ. ބޮއިލިންފިޝް
  • މުހައްމަދު ހަމީދު/ ގދ. ރަތަފަންދޫ، ގުލްދަސްތާގެ
  • މުހައްމަދު މާއިޝް/ މ. މާކޮޅު
  • މުހައްމަދު ޝާމިން/ މއ. ވިރާހު
  • އަހުމަދު ޝިފާޒް/ ހުޅުމާލޭ ފްލެޓް 06ޖީ4
  • އަބްދުﷲ ޝާމް/ މއ. ބޯޅަކިންކިރިމާގެ
  • ހުސައިން ސުނާޒް/ މ. މުލި، ސޯސަންވިލާ
  • ސައުދުﷲ ރަޝީދު/ މ.ކެޕްރިކޯން
  • މުހައްމަދު ނަޝީދު/ މ.މުލި، ހުދުފިނިފެންމާގެ
  • މުހައްމަދު މާއިދު/ މ. ކޮޅުފުށި، އޯޝަންވިއު
  • މުހައްމަދު ރިޟްވާން އިބްރާހިމް/ މ. މުލި، މުސްތަރީގެ

މާޗު 26، 2020 ގައި ކުރެއްވި ޓްވީޓެއްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ، އަތުލައިގަތް މަސްތުވާތަކެތީގެ މޫނުމަތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.