ގއ. ވިލިނގިލީގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

މިކަން ގއ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، މަރުވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެއީ ދެއްވަދޫ މީހެއް ކަމަށެވެ. ހަމައެއާއެކު، މިއަދު މަރުވި މީހާއަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން ބަލި ހާލަތު ދަށްވެ، އެނދުމަތިވެފައި އޮންނަތާ 15 އަހަރު ވެފައިވާ މީހެއް ކަމަށް ވެސް ހޮސްޕިޓަލް މެނޭޖަރު ވިދާޅުވިއެވެ.

ހޮސްޕިޓަލް މެނޭޖަރު ވިދާޅުވީ، އެ އަތޮޅު ކޮވިޑް ފެސިލިޓީގައި މިއަދު މަރުވި މީހާއަށް ފަރުވާ ދީފައި ވަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އެއީ ވަރަށް ބަލި މީހެއް ކަމަށާއި، އޭނާއަށް ކޮވިޑް ޖެހުމުން ހާލަތު ގޯސްވީ ކަމަށް ހޮސްޕިޓަލް މެނޭޖަރު ވިދާޅުވިއެވެ.

އެ މީހާ މަރުވެފައި ވަނީ ކޮވިޑް ފެސިލިޓީގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ކުރުމަށްފަހުއެވެ. އޭނާ ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހު 13 ވަނަ ދުވަހެވެ.

މިއީ ކޮވިޑް ޖެހިގައި ރާއްޖޭގައި މަރުވި 56 ވަނަ މީހާއެވެ. ނަމަވެސް މިކަމާ ގުޅިގެން އެޗްޕީއޭގެ ބަހެއް ލިބިފައި ނުވާއިރު، މިއީ ކޮވިޑް މަރެއްކަން ކަށަވަރެއް ނުކުރެވެއެވެ.

ރާއްޖެއިން ކޮވިޑް ފެނުނު ފަހުން، އެ ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 55 އަށް އަރާފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 48 ދިވެހިންނާއި 7 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ފިލިޕީންސް މީހެކެވެ. މިއަދު ވިލިނގިލި ފެސިލިޓީގައި އޮތްވާ މަރުވި މީހާއަކީ ކޮވިޑް މަރެއް ކަމަށް ކަނޑައަޅާއިފި ނަމަ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 56 އަކަށް އަރާނެއެވެ. އަދި މި ބަލީގައި މަރުވި ދިވެހިންގެ އަދަދު 49 އަކަށް އަރާނެއެވެ.

މީގެ އިތުރުން، އެޗްޕީއޭއިން ބުނެފައި ވަނީ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ 7 މީހަކު މަރުވެފައި ވާއިރު އެއީ ކޮވިޑް މަރު ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ. ހަމައެއާއެކު ދުބާއީގައި ހުއްޓާ ކޮވިޑް ޖެހިގެން ދިވެއްސަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.