ބިދޭސީގެ ވޯކް ޕާމިޓް ހޯދުމަށްޓަކައި ހައްދަންޖެހޭ "މެޑިކަލް އެގްޒެމިނޭޝަން ފޯ ވޯކް ޕާމިޓް" ހެއްދުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ރަޖިސްޓާ ވުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލާފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީގެ ވޯކް ޕާމިޓް ހޯދުމަށްޓަކައި ހައްދަންޖެހޭ "މެޑިކަލް އެގްޒެމިނޭޝަން ފޯ ވޯކް ޕާމިޓް" ހެއްދުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިއަދުން ފެށިގެން ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ކަމަށެވެ.
ވޯކް ޕާމިޓް ހޯދުމަށްޓަކައި ހައްދަންޖެހޭ "މެޑިކަލް އެގްޒަމިނޭޝަން ފޯ ވޯކް ޕާމިޓް" ހެއްދުމުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި "މެޑިކަލް އެގްޒަމިނޭޝަން ފޯ ވކް ޕާމިޓް" ގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމުގައި މިނިސްޓްރީ އޮފް ހެލްތް އިން ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައި ވާން ޖެހެއެވެ.
އޭގެ އިތުރުން ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހަޅާއިރު މިނިސްޓްރީ އޮފް ހެލްތުން ދޫކޮށްފައިވާ "މެޑިކަލް އެގްޒެމިނޭޝަން ފޯ ވޯކް ޕާމިޓް" ގެ ލިޔުން ހުށަހެޅުމާއި ހިދުމަތް ފޯރު ކޮށްދޭ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ އިންތިޒާމްގެ ތެރެއިން "މެޑިކަލް ރިޕޯޓް" މިނިސްޓްރީއާ ހިއްސާ ކުރެވޭނޭ ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ވަނި ބުނެފައެވެ.
މިނިސްޓްރީން ބުނީ ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭވެ ކަމަށެވެ. އަދި ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް "ވޯކް ޕާމިޓް މެޑިކަލް ސާވިސް ޕްރޮވައިޑާ ރެޖިސްޓްރޭޝަން އެޕްލިކޭޝަން" ހުށަހަޅައިގެން މިނިސްޓްރީގައި ރަޖިސްޓްރީވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ.