ކަނޑު މަގުން ރާއްޖެ އެތެރެކޮށް ގދ. އަތޮޅުގެ ފަޅުރަށް، ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހޯދާފައިވާ ހެއްކަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވެފައި ވަނީ މިއަދު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް އޭނާއަށް އެ ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަަކަށް ޖަވާބު ދެއްވަމުންނެވެ. މިއަދު މަޖިލީހަށް ޕީޖީ ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ އެ މައްސަލައިގައި ސާފު ނުވެ ހުރެ ކަންކަން ސާފު ކުރުމަށެވެ. އެ ގޮތުން މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، މި މައްސަލައިގެ ފެށުމުގައި ވެސް ފުލުހުން ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް 24 ގަޑިއިރު ވަންދެން އެއްވެސް ކޯޓެެއްގެ ބަލައި ފާސްކުރުމުގެ އަމުރެއް އަދި ގާނޫނީ ގޮތުން މީހަކު ހައްޔަރު ވެސް ނުކޮށް އެމީހުން ގެންގުޅެފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިމައްސަލައިގައި އޭރު ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ ގއ. ކޮނޑޭ ގަހާކޯޅި، އަހުމަދު އަނީލް (34)، ގއ. ނިލަންދޫ ދިހްޝާންވިލާ އަލީ ޝާކިރު (30)، ގދ. ގައްދޫ އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ ރޮމޭންސް ޝަފީޒް މުހައްމަދު (35)، އަދި ގދ. ގައްދޫ އެދުރުގެ ޔާމިހް ހާލިދު (23) އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ފަސް މީހުން ފުލުހުން ބަންދުކުރުމުގެ އަމުރެއް ފުލުހުން ހޯދާފައި ވަނީ އެހާދިސާ ހިނގިތާ 24 ގަޑިއިރު ފަހުން އަނެއް ދުވަހުގެ ރޭ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ފުލުހުން ހޯދާފައިވާ ހެއްކަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކި ކަމަށާއި ހައްޔަރު ކުރި މީހުން ފުރަތަމަ ގެންގުޅެފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެމީހުންނަށް އެއްވެސް ގާނޫނީ އިންޒާރެއް ދީފައި ނުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން މައްސަލަ ބަލައިނުގަތް ދެ ސަަބަބެއް ޝަމީމް ފާހަގަ ކުރެއްވިއެވެ. ފުރަތަމަ ކަމަކަށް އޭނާ ފާހަގަ ކުރެއްވީ ދައުވާ ލިބޭ ދެ ފަރާތުން ދީފައިވާ ބަޔާނުގައި ދިފާއީ ވަކީލުން ސޮއިކޮށްފައި ނެތުމުން ދެމީހުން ބަޔާން ނެތްކަމަށް ނިންމި މައްސަލައެވެ. ދެވަނަ ކަމަކަށް ފާހަގަ ކުރެއްވީ ކްރިމިނަލް ކޯޓަށް ބެލުމުގެ އިހްތިސޯސް ނެތް އަދި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލާފައިވާ މައްސަލައެވެ.

މިމައްސަލަ އަލުން ތަހުގީގު ކުރެވިދާނެތޯ އައްސަވާ ކޮމިޓީގެ މެންބަރުން ވަނީ މިއަދު ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ ވިދާޅުވީ އެއީ އިތުރަށް ބަލަން ޖެހޭ މައުލޫއެއް ކަމަށެވެ.

މި މައްސަލައިގައި ފުލުުހުންނާއި ޕީޖީ އާއި ޖޭއެސްސީގެ އިތުރުން ކްރިމިނަލް ކޯޓުގެ އިހުމާލު އެބަ އޮތް ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މެންބަރު އަލީ ހުސައިން ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގެ ދެން އޮތް ބައި ކުރިއަށް ގެން ދިޔައީ ޕީޖީގެ އެދުމާ އެކު ސިއްރުކޮށެވެ. ޕީޖީން އެފަދައިން އެދިފައި ވަނީ މައްސަލައިގެ ބާވަތުން ސިއްރުކުރަން ޖެހޭ ބައެއް ކަންތައްތައް ހުރުމުންނެވެ. އެހެންކަމުން ކޮމިޓީއަށް ހާޒިރުވެ ތިބި މެންބަރުންގެ މެދުގައި އެކަމަށް ވޯޓެއް ނަގައި ދެން އޮތް ބައި ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު ކޮށެވެ.

ކަނޑުމަގުން އެތެރެކޮށްފައި ވާ ކަމަށް ބެލެވޭ 149 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ. މިތަކެތި ހޯދާފައި ވަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަނާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑްގެ އިތުރުން ޑްރަގް އިންޓޭލިޖެންސް ޔުނިޓް ގުޅިގެން ހިންގި 3 ދުވަހުގެ އޮޕަރޭޝަނެއްގައެވެ. އެ ތިން ދުވަހު ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރަށްތައް ބަލާފައިި ވާކަމަށް ފުލުހުން ބުނެފައި ވެއެވެ.