"ގެދޮރުވެރިކުރުވުން" ޕްރާގްރާމްގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ މައްސަލައިގައި މާގާމުގެ ނުފޫޒު ބޭނުންކޮށް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ނަޒީމް، މއ.އެލީޒިއަމް ގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ، "ގެދޮރުވެރިކުރުވުން" ޕްރާގްރާމްގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓް ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ނިންފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ދައުވާ ކުރުމަށް މިއަދު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލައިގައި އިބްރާހީމް ނަޒީމްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ފޮނުވާފައި ވަނީ، ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާ ހޯދާ ދިންކަމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުނެއެވެ.
ހއ.ދިއްދޫގައި އިމާރާތް ކޮށްފައިވާ 250 ހައުސިން ޔުނިޓްތަކުގެ ތެރެއިން 2017 ވަނަ އަހަރު ދޫކޮށްފައިވާ 140 ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ފުރަތަމަ ޕޮއިންޓް ދީފައި ވަނީ ހއ.ދިއްދޫ ކައުންސިލްގެ އިދާރާއިން ކަމަށް އޭސީސީން ބުނެއެވެ. ނަމަވެސް، ފަހުން ހައުސިން މިނިސްޓްރީގެ އެންގުމުގެ މަތިން ހއ.ދިއްދޫ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ހއ.ދިއްދޫ ކައުންސިލްގެ އިދާރާއިން މަޑުޖައްސާލައި ހައުސިން ޔުނިޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް މިނިސްޓްރީއަށް ގެންގޮސްފައިވަ ކަމަށް އޭސީސީން ބުނެއެވެ. އަދި މިނިސްޓްރީގެ ފަރާތުން ވެސް ހައުސިން ޔުނިޓްތަކަށް ޕޮއިންޓް ދީފައިވާ ކަމަށާއި، އިވެލުއޭޝަން މަރުހަލާގެ ރިވިއު މަސައްކަތުގައި އިބްރާހީމް ނަޒީމް ބައިވެރި ވެފައިވާ ކަން މި މައްސަލައިގެ ތަހްގީގަށް އެނގިފައި ވާ ކަމަށް އޭސީސީން ބުނެއެވެ.
ހައުސިން ޔުނިޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް އިއުލާންކޮށްފައިވާ އިރު، ޔުނިޓްތައް ދޫކޮށްފައި ވަނީ ހަދާފައިވާ އިވެލުއޭޝަންއާ ހިލާފަށް ކަމަށާއި، އަދި އިވެލުއޭޝަނުން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ ތަރުތީބުން ނޫންކަން ވެސް މި މައްސަލައިގެ ތަހުގީގަށް އެނގެން އޮތް ކަމަށް އޭސީސީން ބުނެއެވެ. އެގޮތުން ހައުސިން ޔުނިޓްތަކުގެ ދާއިމީ ލިސްޓް އިއުލާން ކުރުމުގެ މަސައްކަތް ކުރި މުވައްޒަފާ އެ ލިސްޓް ހަވާލުކޮށްފައި ވަނީ އިބްރާހީމް ނަޒީމް ކަން އެނގެން އޮންނަ އިރު، އާންމުކޮށް ހައުސިން ޔުނިޓްތަކާ ގުޅޭ ފައިނަލް ލިސްޓްތައް އެޕްރޫވް ކުރަނީ އިބްރާހީމް ނަޒީމް ކަން މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ހާމަވާ ކަމަށް އޭސީސީން ބުނެއެވެ.
ހަމައެއާއެކު ހއ.ދިއްދޫ އަށް ނިސްބަތްވާ ވަކި ފަރާތްތަކަކަށް ހައުސިން ޔުނިޓްތައް ހޯދައިދިނުމަށް އަމިއްލަ ފަރާތަކުން އެދުމުން އެކަމަށް އިބްރާހީމް ނަޒީމް އެއްބަސް ވެފައިވާ ކަން ވެސް އޭސީސީގެ ތަހުގީގަށް އެނގިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި އެ ފަރާތްތަކަކީ ލިބިފައިވާ ޕޮއިންޓްތަކަށް ބަލާއިރު ހައުސިން ޔުނިޓްތައް ލިބެން ޖެހޭ ފަރާތްތަކެއް ނޫން ނަމަވެސް، އެ ފަރާތްތައް ދާއިމީ ލިސްޓްގައި ހިމަނައި، ހައުސިން ޔުނިޓްތައް ހަވާލުކޮށްފައި ވަނީ އިބްރާހީމް ނަޒީމްގެ މަގާމުގެ ނުފޫޒުގެ ބޭނުން ކޮށްގެންކަމަށް އޭސީސީން ބުނެއެވެ.
އިބްރާހީމް ނަޒީމްއަކީ ހއ.ދިއްދޫ ހައުސިންގ ޔުނިޓްތައް ދޫކުރި އިރު ހައުސިންގ ޑިޕާޓްމަންޓްގެ ސިޔާސީގޮތުން އިސްވެރިޔާ ކަމަށްވެފައި، ހައުސިން ޔުނިޓްތައް ދޫކުރުމުގައި ނިންމުން ނިންމޭ ފަދަ މަގާމެއްގައި ހުރި މީހެއް ކަމަށް އޭސީސީން ބުނެއެވެ. އެހެންކަމުން އިބްރާހީމް ނަޒީމް އޭނާގެ މަގާމުގެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ވަކި ބަޔަކަށް ފައިދާ ހޯދައި ދިނުމަށް ކަން ޝައްކެއް ނެތް މިންވަރަށް ތަހުގީގަށް ސާބިތުކުރެވޭ ކަމަށް އޭސީސީން ބުނެއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް އޭސީސީން ބުނެއެވެ.
މީގެއިތުރުން، "ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ހއ.ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިން ޔުނިޓް ދޫކުރުމާ ގުޅޭ ލިޔުންތައް ހައުސިން މިނިސްޓްރީން ރަނގަޅަށް ބަލަހައްޓާފައި ނުވާތީ، މިކަމަކީ، ހއ.ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ދޫކުރުމާއި ގުޅުން ހުރި މަސައްކަތް އޭރު ކުރި އެ މިނިސްޓްރީގެ މުވައްޒަފުންގެ އިހުމާލުގެ އަމަލެއްކަމަށް ފާހަގަކުރެވޭތީ އާއި، މިކަމުގެ ސަބަބުން ބައެއްގެ ހައްގުތަކެއް ގެއްލިގެން ގޮސްފައި ވާތީ، މިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވި ނަމަވެސް، އެ ފަރާތްތައް ފާހަގަކޮށް، އެ ފަރާތްތަކާ މެދު އިދާރީ ފިޔަވަޅު އެޅުމަށް ހައުސިން މިނިސްޓްރީ ގައި ދަންނަވާފައި ވާނެ ކަމަށް ވެސް އެކޮމިޝަނުން ބުނެއެވެ.