ދީނީ ކަންކަމުގައި ހަލާލާއި ހަރާމް ކަނޑަ އެޅުމަކީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ޑރ. އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް ވިދާޅުވީ ހަލާލު ހަރާމް ކަނޑަ އެޅުން އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވީނަމަވެސް ލިބިގެންވާ ބާރެއް ނޫން ކަމަށާއި، އެކަން ކަނޑަ އަޅުއްވާނީ ﷲ އާއި ރަސޫލާ ﷺ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސައިޒް އޮޅިވަޑައިގެން ނޫޅުއްވުމަށްވެސް އިޔާޒް ވަނީ ނަސޭހަތްތެރި ވެފައެވެ.

އިޔާޒް އެފަދައިން ވިދާޅުވެފައި ވަނީ ޒުވާނުންނަށް ފަސޭހަކަމާ އެކު މިޔުޒިކް އަޑުއަހާލައި ހާސްކަމެއް ނެތި މަޖާކޮށްލައި، އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަކާ ގުޅިގެން މިއަދު ބޭއްވި ބަހުސްގައި ބައެއް މެންބަރުން ދެެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވާއެވެ.

ހަސަން ލަތީފު ހުށަހެޅުއްވި ގަރާރުގެ ތައާރަފްގައި ބުނެފައި ވަނީ، މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަކަށް ސަރުކާރުން ހައްލު ހޯދަމުންދާއިރު އެ ގަރާރުގެ ބޭނުމަކީ އެފަދަ މަރުކަޒެއް ގާއިމް ކުރުމަކީ ޒުވާނުންގެ މިޔުޒިކްގެ ފަންނު އިތުރަށް ތަރައްގީކުރުމާއި އެފަދަ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.