ޗާންދަނީ މަގުގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާ ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ޗާންދަނީ މަގުން އަސްރަފީ ބުކްޝޮޕާ ހިސާބުން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެ އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 11:51 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ 34 އަހަރުގެ ދިވެހި ފިރެހެނަކަށެވެ. އޭނާ މިހާރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ސައިކަލް ދުއްވަން އިން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އެ ސައިކަލު ދުއްވަން އިނީ ލައިސަންސް އޮތް 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފަހަކަށް އައިސް މާލެ އާއި ބައެއް ރަށްރަށުގައި ހިނގަމުން ދާ އެކްސިޑެންޓްތައް ވަނީ އިިތުރުވެފައެވެ. އެކްސިޑެންޓުތައް އިތުރުވުމާ ގުޅިގެން ފުލުހުން އަންނަނީ މަގުމަތީގެ ރައްކާތެރި ކަމަށް ހާއްސަ ކޮށްގެން ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.