މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ އަބްދުﷲ ގެއްލުނު ރޭ ފެނުނު ވަޅިއާ ގުޅޭ މައުލޫމާތު ހިއްސާކުރާ މީހަކަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް، މަރު ކޮމިޝަނުން ހުށަހަޅައިފިއެވެ.

އެ ކޮމިޝަނުން މިއަދު ވަޅީގެ ފޮޓޯއެއް އާންމުކޮށް، ނެރުނު ބަޔާނުގައި ބުނީ އެ ވަޅިއާ ގުޅޭ ގޮތުން ނުވަތަ ރިޟްވާން ގެއްލުވާލުމާ ގުޅޭ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭ ވަރުގެ މައުލޫމާތެއް ފޯރުކޮށްދޭ ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މައްސަލައިގެ އެއްވެސް މައުލޫމަތެއް އެނގޭ މީހެއް ވާނަމަ، އެ މައުލޫމާތެއް މަރު ކޮމިޝަނާ ހިއްސާކޮށް ދިނުމަށް އެދިފައި ވާއިރު، މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓައި ދޭނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން ވަނީ ދީފައެވެ.

އެ ވަޅިއަކީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ހުޅުމާލޭގައި ރިޟްވާން ދިރިއުޅެމުން ދިޔަ 21 ނަމްބަރު ފްލެޓް ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅި ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެ ކޮމިޝަނުން ބުނީ މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކުން ކޮމިޝަނަށް ހާޒިރުވެ، ނުވަތަ ކޮމިޝަންގެ ނަމްބަރު 7390841 ފޯނަށް ގުޅައިގެން މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ. އަދި އެ ނަމްބަރުން ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

ރިޟްވާންގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވާގޮތުން ހުޅުމާލެއިން ރިޟްވާން ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން ގެންގޮސް، ދޯންޏަކަށް އެރުވުމަށް ފަހު، ކަރު ބުރިކޮށްލައި، ކަނޑުފައްތާފައެވެ. ރިޕޯޓުގައި ވާގޮތުން ރިޟްވާން މަރާލީ ރާއްޖޭގައި ހަރަކާތްތެރިވާ އަލްގައިދާގެ ބްރާންޗުންނެވެ.