ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން އައްޔަނު ކުރާ ދެ މެންބަރުންގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކުލަވާލެވޭ ޕޮލިސް ބޯޑަށް، އާންމުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ކަނޑައަޅާ ދެ މެންބަރުންނަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.

އަދި އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު މި މަހުގެ 22 ވާ ހޯމަ ދުވަހު މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅުމަށްވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

އެ މަގާމަށް ކުރިމަތި ލުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ މީގެ 9 އަހަރު ކުރިން މި މަހުގެ 8 ވަނަ ދުވަހު ފުލުހުުން ޖަޒުބާތުގައި ޖެހިކަމަށްބުނެ އާންމުންގެ ތެރެއިން އެތައްބަޔަކަށް ލާއީންސާނީ ބޮޑެތި އަނިޔާތައް ދީފައިވާކަމަށެވެ.

އަދި ބަޣާވާތް ނުވަތަ މިޔުޓިނީގެ މަސައްކަތް ފުލުހުންގެ ތެރޭގައި ހިންގި މީހުންނަށް ފިޔަވަޅު އެޅިގެންދާނެ ކަމަށާއި ފުލުހުންގެ ހިދުމަތަކީ ޕްރޮފެޝަނަލް، ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިގެންވާ މަސައްކަތަކަށް ހަދަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފުލުހުންގެ ބިލަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

އެ ގާނޫނުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން ބަޔާން ކޮށްފައިވެއެވެ. އެ ބިލުގެ މަގްސަދުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގަނޫނުއަސާސީއާއި، ގަނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުން ހިމެނެއެވެ.

އަދި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި، އަމަންއާންމާއި، ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރާއި އިހްތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.