ހުޅުމާލެ ޖަލުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 34 އަށް އަރާފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން ބުނީ މިމަހު އެއް ވަނަ ދުވަހު ހުޅުމާލެ ޖަލުން އަލާމާތްތައް ހުރި ގައިދީއެއް ފެނި ނެގި ސާމްޕަލުން ޕޮޒިޓިވް ވެފައިވާ ކޭސްއާ ގުޅިގެން ނެގި ކޮންޓެކްޓް ސާމްޕަލްތަކުން މިހާތަނަށް 34 މީހަކު ޕޮޒިޓިވް ވެފައި ވާ ކަމަށެވެ.

އެގޮތުން އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 70 ގައިދީއަކާއި ޖަލު އޮފިސަރުންގެ 29 މީހަކު ހިމެނޭ ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ. ޖަލުން ޕޮޒިޓިވްވި މީހުންނާ ގުޅިގެން ޓެސްޓް ކުރުމަށް 102 ސާމްޕަލެއް ނަގާފައި ވާ ކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.

އެޗްއީއޯސީން ބުނީ ޕޮޒިޓިވް ކޭސްތައް އެކަހެރި ކޮށްފައި ވާ ކަމަށާއި އަދި ކޮންޓެކްޓުން ކަރަންޓީން ކޮށްފައި ވާ ކަމަށެވެ.

ހުޅުމާލެ ޖަލުން ކޮވިޑް ކޭސްތައް ފެންނަމުން ދާއިރު ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން ވަނީ އިތުރު 127 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މިވަނީ 16،783 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 48 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅު ވި މީހުންގެ ޖުމްލަ އަދަދު ވަނީ 14،604 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 2117 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 207 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.