މަލިކުގެ މުރައަދުގަނޑުވަރު އަލި މަނިކުފާނަށް، އިންޑިއާ ސަރުކާރުން ދޭ މަތީ ޝަރަފެއް ކަމަށްވާ ޕަދްމަޝްރީ އެވޯޑް ލިބިއްޖެއެވެ.

ޕަދްމަޝްރީ އަކީ އިންޑިއާ ރައްޔިތުންނަށް ސަރުކާރުން ދޭ ޝަރަފުތަކުގެ ތެރެއިން ހަތަރު ވަނައަށް އެންމެ މަތީ ޝަރަފެވެ. މޫސާ މަނިކުފާނާއި ފާތިމާ މަނިކުގެ އަލި މަނިކުފާނަކީ ދިވެހި ނަސްލުގެ މީހެކެވެ. މިއީ އިންޑިއާގެ މިފަދަ މަތީ ޝަރަފެއް ލިބުނު ދިވެހި ނަސްލުގެ ފުރަތަމަ މީހާއެވެ. މަލިކު އަލި މަނިކުފާނު، ޕަދްމަޝަރީ އެވޯޑު ހާސިލު ކުރެއްވީ އުމުރުން 82 އަހަރުގައެވެ. އަލި މަނިކުފާނަކީ ތަފާތު އެކި ދާއިރާތަކުން ތަޖުރިބާ ކާރެކެވެ.

އަލި މަނިކުފާނު ތައުލީމު ހާސިލު ކުރެއްވީ ގްރޭޑް އަށަކާ ހަމައަށެވެ. ކެރަލާއިން ގްރޭޑް އަށަކާ ހަމައަށް ތައުލީމު ހާސިލު ކުރެއްވުމަށް ފަހު މަލިކަށް ވަޑައިގެން 13 ބަހެއް ދަސް ކުރެއްވިއެވެ. އޭގެ ތެރޭގައި އިނގިރޭސި، ހިންދީ، މަލަޔާޅަމް، އަރަބި، ލެޓިން، ފްރެންޗް، ރަޝިއަން، ޖާމަން، ސިންހަލީސް، ޕާސިއަން، ސާންސްކްރިޓް، ޓެމިލް އަދި އުރުދޫ ހިމެނެއެވެ. އަލި މަނިކުފާނަކީ މެރިން ބައޮލޮޖީ، މެރިން ރިސާޗް، ޖިއޮގްރަފީ، އެސްޓްރޯނޮމީ، ސޯޝަލް ސައިންސް، ފިޝަރީސް، އެގްރިކަލްޗާގެ އިތުރުން ތައުލީމީ އަދި ހޯޓިކަލްޗާ ފަދަ ދާއިރާތަކުން ހުނަރު ހޯއްދަވާފައިވާ ބޭފުޅެކެވެ.

އިންޑިއާގެ ސެންޓްރަލް މެރިން ފިޝަރީސް ރިސާޗް އިންސްޓިޓިއުޓްގައި މަސައްކަތް ކުރައްވަމުން އޭނާ ވަނީ އާ ވައްތަރެއްގެ މަހެއް ހޯއްދަވާފައެވެ. އެ މަހަށް ނަން ދީފައި ވަނީ އަލީ މަނިކުފާނުގެ ނަމުންނެވެ. "އަބުދެފްދުފް މަނިކުފާނީ" އެވެ.

"އަލި މަނިކުފާނު ހޯއްދެއްވި މަސް "އަބުދެފްދުފް މަނިކުފާނީ

މީގެ އިތުރުން ވެސް އަލި މަނިކުފާނު ވަނީ ގިނަ އުފެއްދުންތަކެއް އުފައްދަވާފައެވެ. އޭގެ ތެރޭގައި ފާހަގަ ކޮށްލެވޭ މަސައްކަތްތައް އެބަ ހުއްޓެވެ. އޮމާންގެ މިއުޒިއަމެއްގައި މިހާރުވެސް ބަހައްޓާފައިވާ "ސަހަރު" ކިޔާ ދޯންޏަކީ އަލި މަނިކުފާނު ބެންނެވި އެއްޗެކެވެ. އެއީ އެއްވެސް ވަރަކަށް ދަނގަޑު ބޭނުން ނުކޮށް ހަމައެކަނި ރޯނު ބޭނުން ކޮށްގެން ބަނދެފައިވާ ދޯންޏެކެވެ.

މީގެ އިތުރުން އަލި މަނިކުފާނު ވަނީ އޭނާގެ ނުޖޫމީ އިލްމުގެ އަލީގައި މުސްލިމުންނަށް ހާއްސަ ހިޖުރީ ކަލެންޑަރެއް ވެސް ތައްޔާރު ކުރައްވާފައެވެ. އަލި މަނިކުފާނު ދަނޑުވެރިކަން ކުރެއްވުމަށް ޓެމިލް ނާޑޫގައި އޮންނަ 15 އޭކަރުގެ ބިމެއްގައި ކަރަންޓު އުފައްދަވަނީ އޭނާ އަމިއްލައަށް ތައްޔާރު ކުރެއްވި ވިންޑްމިލް އެއްގެ އެހީގައެވެ. އަދި އޭނާ ގޭގައި ބޭނުން ކުރައްވަނީ އަމިއްލައަށް ތަައްޔާރު ކުރެއްވި އައިސް އަލަމާރިއެކެވެ.

އަލި މަނިކުފާނު އަމިއްލައަށް ތައްޔާރު ކުރެއްވި ސައިކަލެއް: މި ސައިކަލުގައި އޭނާ ވަނީ ޓްރިވެންޑްރަމުން ދިއްލީއަށް ދަތުރުކުރައްވާފައި

"ދަ މޭން އިން މިލިއަން" ގެ ނަމުން ނަން ދީ، ހަދާފައިވާ ޑޮކުއިމަންޓްރީ ފިލްމަކުން ވެސް އަލި މަނިކުފާނުގެ ހަޔާތުގެ ގިނަ ވާހަކަތަކެއް އެނގެއެވެ. ތިރީގައި އެވަނީ އެ ޑޮކިއުމެންޓްރީގެ ލިންކެކެވެ.

https://www.youtube.com/watch?v=EzdH80UM5Ns&t=680s

އަލި މަނިކުފާނުގެ ތިއްބަވަނީ 4 ކުދިންނެވެ. 3 އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. އަލި މަނިކުފާނުގެ ފިރިހެން ދަރިފުޅާކީ ބޯޓު ދަތުރު ކުރާ މީހެކެވެ. އަދި 3 އަންހެން ދަރިންނަކީ ވެސް ޓީޗަރުންނެވެ.