ކްރިމިނަލް ކޯޓުން ބަލާ މައްސަލަތަކުގެ ތެރެއިން، 56 ޕަސަންޓް މައްސަލަތައް ކެންސަލް ކުރަނީ އިދާރީ ސަބަބުތަކާ ހުރެ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކްރިމިނަލް ކޯޓުން ނޮވެމްބަރު 2019 އިން އޮކްޓޯބަރު 2020 ގެ ނިޔަލަށް ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އެ ކޯޓުން އެންމެ ގިނަ މައްސަލަތައް ކެންސަން ކުރަން ޖެހެނީ އިދާރީ ސަބަބުތަކާ ހުރެއެވެ. އެގޮތުން އިދާރީ ސަބަބުތަކާ ހުރެ އެ މުއްދަތުގައި 2502 މައްސަލައެއް ކެންސަލް ކޮށްފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ހަމައެއާއެކު، ދައުވާ ލިބޭ ފަރާތާ ގުޅުން ހުރި ސަބަބުތަކާ ހުރެ 510 މައްސަލައެއް ކެންސަލް ކޮށްފައި ވާއިރު، ދިފާއީ ވަކީލާ ގުޅުން ހުރި ސަބަބުތަކާ ހުރެ 364 މައްސަލައެއް، ކަރެކްޝަނާ ގުޅުން ހުރި ސަބަބުތަކާ ހުރެ 323 މައްސަލައެއް އަދި ޕީޖީ އޮފީހާ ގުޅުން ހުރި ސަބަބުތަކާ ހުރެ 31 މައްސަލައެއް ވަނީ ކެންސަލް ކޮށްފައެވެ.

މީގެ އިތުރުން ޕޮލިހުންނާ ގުޅުންހުރި ސަބަބުތަކާ ހެދި 198 މައްސަލައެއް، ހެކިންނާ ހުޅުން ހުރި ސަބަބުތަކާ ހެދި 116 މައްސަލައެއް، ތަރުޖަމާނުންނާ ގުޅުންހުރި ސަބަބުތަކާ ހެދި 50 މައްސަލައެއްގެ އިތުރުން ރަށު ކޯޓުތަކާ ގުޅުން ހުރި ސަބަބުބަކާ ހެދި 41 މައްސަލައެއް އަދި އޭޖީ އޮފީހާ ގުޅުން ހުރި ސަބަބުތަކާ ހެދި 8 މައްސަލައެއް ވަނީ ކްރިމިނަލް ކޯޓުގައި ކެންސަލް ކޮށްފައެވެ.

ނޮވެމްބަރު 2019 އިން އޮކްޓޯބަރު 2020 ގެ ނިޔަލަށް ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކޮށްފައި ވަނީ ޖުމްލަ 7850 މައްސަލައެވެ. އޭގެ ތެރެއިން 3426 މައްސަލައެއްގެ އަޑުއެހުން ބާއްވާފައި ވާއިރު، 4424 މައްސަލައެއްގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

މި މުއްދަތުގައި އެ ކޯޓަށް ހުށަހަޅާފައި ވަނީ ޖުމްލަ 985 މައްސަލައެެވެ. އަދި އެ ކޯޓުގައު 2238 މީހަކަށް ދައުވާ ލިބޭ 1711 މައްސަލައެއް ނުނިމި އެބަ އޮތެވެ. މި މައްސަލަތަކާ ގުޅިގެން މިހާތަނަށް ބަންދުގައި ތިބީ 248 މީހަކު ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.