2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުމަށް ދިވެހިރާއްޖެއިން އަމާޒު ހިފާފައިވާތީ އިނގިރޭސިވިލާތުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

އެގައުމުން މިކަމަށް މަރުހަބާ ކިޔާފައި ވަނީ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އާއި އިނގިރޭސިވިލާތުގެ ހާރިޖިއްޔާގެ ދެކުނު އޭޝިއާ، ކޮމަންވެލްތު އަދި އދގެ ކަންތައްތަކާ ބެހޭ ވަޒީރު ލޯޑް އަހުމަދު އާއެކު މިދިޔަ ބުރާސްފަތި ކުރެއްވި މަޝްވަރާތަކުގައެވެ. ފޮރިން މިނިސްޓަރު ޝާހިދު އާއި ލޯޑް އަހުމަދު ބައްދަލުކުރައްވާފައި ވަނީ ވާޗުއަލްކޮށެވެ.

އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ވިދާޅުވީ، ތިމާވެއްޓަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި 2030 އާ ހަމައަށް ރާއްޖެއިން ހިފާފައިވާ އަމާޒަށް މަރުހަބާ ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ނެޓްޒީރޯއަށް ވާސިލްވުމަށް މަސައްކަތްކުރާކަން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރައްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އދ އިން އިންތިޒާމްކޮށްގެން ބޭއްވި ކްލައިމެޓް އެމްބިޝަން ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވެފައި ވަނީ ބޭރުގެ ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެ ނަމަ ރާއްޖެއަށް ގާތްގަނޑަކަށް 2030 ވަނަ އަހަރު "ނެޓް ޒީރޯ" އާއި ހަމައަށް ވާސިލުވެވިދާނެ ކަމަށެވެ.

އެއަށްފަހު މި މަހުގެ 4 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވެސް ދިވެހި ރާއްޖެއިން ނެޓް ޒިރޯއަށް ވަށިލް ވުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ރައީސް ވިދާޅުވެފައި ވަނީ ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގައި ވެސް، ރާއްޖެއިން އަންނަނީ ވަރަށް ހަރަކާތްތެރި ގޮތެއްގައި ބައިވެރިވަމުން ކަމަށެވެ. އެ ގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެކުލަވައިލާފައިވާ ޕެރިސް އެގްރީމަންޓުގެ ދަށުން، ރާއްޖެއިން އެކުލަވައިލި، އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ބައިނަލްއަގްވާމީ އެހީ ކަށަވަރުވެއްޖެ ނަމަ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖޭގެ، ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދޭނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.