އިމާދުއްދީންގެ ސްކޫލު ދާއިމީ ޕްރިންސިޕަލަކާ ނުލައި ހިންގާތާ އެއް އަހަރު ފަހުން ދާއިމީ ޕްރިންސިޕަލަކަށް އަލީ މަމްދޫހް ހަމަޖައްސައިފިއެވެ.

އިމާދުއްދީންގެ ޕްރިންސިޕަލްގެ މަގާމު ހުސްކޮށް އޮތީ ކުރީގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރު، ބެލެނިވެރިންނާއި ޓީޗަރުންގެ ހިތްހަމަނުޖެހުންތަކަކާ ގުޅިގެން ވަކިކުރި ފަހުންނެވެ. މިއަދު އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް މަމްދޫހު ހަމަޖެއްސި އިރު އޭނާ ކުރިން ހުންނެވީ ހިރިއްޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައެވެ.

މަމްދޫހަކީ ތައުލޫމީ ދާއިރާގައި 20 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޓީޗަރެއްގެ މަގާމުގައި ފުރަތަމަ މަސައްކަތް ކުރައްވަމުން އައިސް ސުޕަވައިޒުގެ މަގާމުން ޑެޕިއުޓީ ޕްރިންސިޕަލް ކަމަށް ވަޑައިގެން މިހާރު މަމްދޫހު އެ ހާސިލު ކުރެއްވީ ސްކޫލުތަުގެ އެންމެ ޝަރަފުވެރި މަގާމެވެ.

ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ މަމްދޫހް ވަނީ ށ. ފުނަދޫ އަދި ށ. ކޮމަންޑޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވާފައެވެ.