ފޮރިން މިނިސްޓްރީގެ އިމާރާތުގެ ނަން ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލުގެ ނަމަށް ބަދަލު ކުރަން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތް މިހާރު ދަނީ މަރާމާތު ކުރަމުންނެވެ. މިހާރު އެ އިމާރާތުގެ މަރާމަތުގެ މަސައްކަތް ނިމުމަކާ ގާތްވެފަވާ އިރު އިމާރާތުގެ ބޭރުގައި މިހާރު ދަނީ އިމާރާތުގެ ނަމުގެ އަކުރުތައް ހަރު ކުރަމުންނެވެ. އެ ގޮތުން އެ އިމާރާތުގެ ނަމަކަށް ޖާހާފައި ވަނީ ފަތުހުﷲ ޖަމީލް ބިލްޑިންގް ގެ ގޮތުގައެވެ.

ފަތުހުﷲ ޖަމީލް އަކީ ރާއްޖޭގެ ހާރިޖީ ވަޒީރުކަން މެދުކެނޑުމެއް ނެތި 27 އަހަރު ކުރެއްވި ބޭފުޅެކެވެ. ފަތުހުޣ ޖަމީލް ތައުލީމް ހާސިލް ކުރެއްވީ މިސްރުގެ މަޝްހޫރު ޖާމިއަތުލް އަޒުހަރުންނެވެ. އަދި އޭނާ އަކީ މުހައްމަދު ޖަމީލް ދީދީގެ ދަރިކަލެކެވެ.

ފޮރިން މިނިސްޓްރީގެ އެ އިމާރާތަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ދިން ހިލޭ އެހީއެކެވެ. އެ އިމާރާތް ގާއިމް ކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރި ކަމުގައެވެ.