އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި އިހުތިޖާޖުން 4 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ބުނީ، މިއަދުގެ އިހުތިޖާޖުން ހައްޔަރު ކޮށްފައި ވާ 4 މީހުންގެ ތެރޭގައި އެ ޕާޓީގެ ކައުންސިލް މެންބަރަކު ވެސް ހިމެނޭ ކަމަށެވެ. އަދި އެ ޕާޓީގެ ސްޓިއަރިން ކޮމިޓީގެ މެންބަރަކު ވެސް ހިމެނެއެވެ. ހަމައެއާއެކު އޭގެ ތެރޭގައި އެ ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓަކު ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ، އެ ޕާޓީގެ ކައުންސިލް މެންބަރު ޝަހީދު އިބްރާހިމް ދޫކޮށްލުމަށް ގޮވާލާފައެވެ. މިއަދު ބޭއްވި ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ޝަހީދު ހައްޔަރު ކުރުން ކުށްވެރިކޮށް ޝިޔާމް ވަނީ ފުލުހުންގެ ތެރޭގައި އޮތް އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ގޮވާލައްވާފައެވެ.

މިއަދު އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެންބަރުން މަޖީދީ މަގުގައި އިހުތިޖާޖު ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައެވެ. އަދި އެމަނިކުފާނަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށާއި އަދުލު އިންސާފު ގާއިމު ކުރުމަށް ވެސް އިދިކޮޅު މެންބަރުން ވަނީ ގޮވާލަމުންނެވެ.

އިދިކޮޅު މެންބަރުން މިއަދު އިހުތިޖާޖު ކުރުމަށް ފުރަތަމަ ގޮސްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ކުރިމައްޗަށެވެ. ނަމަވެސް ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލާފައެވެ.

އިދިކޮޅު އިހުތިޖާޖުގެ ތެރެއިން

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ، މާލެ މަގުމަތީގައި އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުން ދަނީ މިމަހު 21 ވަނަ ދުވަހު ހައިކޯޓުން، އެމަނިކުފާނަށް ހުކުމް ކުރުމާ ގުޅިގެންނެވެ. ނޮވެމްބަރު 2019ގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުން ދެމެހެއްޓުމަށެވެ.

ރައީސް ޔާމީނަށް ހުކުމްކޮށްފައި ވަނީ ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔަރުންގެ ބެންޗުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތުން އިސް ފަނޑިޔާރު މުހައްމަދު މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު އެއްގޮތް އިރު، ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ޝަހީދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށެވެ.

ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 5 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާ ކުރުމަށެވެ.