އެމްޕީއެލް ސަރަހައްދުގައި އަނެއްކާވެސް ނުރައްކާތެރި ހާދިސާއެއް ހިނގައި ވަރަށް ބޮޑަށް ޒަހަމްވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ އައިޖީއެމްއެޗްގެ މެއިން ތިއޭޓަރަށް ވެއްދީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އޭނާގެ އޮޕަރޭޝަނެއް ރޭ ކޮށްފައިވާ ކަމަށެވެ. އަދިވެސް އޮތީ ތިއޭޓަރުގައި ކަމަށާއި ނަމަވެސް މިހާރު ވޯޑަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ އެ މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލާއި އޭނާގެ ހާލުގެ އިތުރަށް އެނގޭނީ ވޯޑަށް ބަދަލު ކުރުމުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ކާޕެޓް ރޯލެއް ވެއްޓި ރޭ މެންދަމު 2:15 ހާއިރެވެ. އަދި އެ ހާދިސާގައި އަނިޔާ ވެފައި ވަނީ މަޖޫރިއަކަށެވެ.
އެމްޕީއެލްގައި މިފަދަ ހާދިސާއެއް ހިނގާފައި ވާއިރު، މިދިޔަ މަހުގެ 7 ވަނަ ދުވަހުވެސް އެމްޕީއެލްގައި ވަނީ އެފަދަ ހާދިސާއެއް ހިނގާ މީހަކު ނިޔާވެފައެވެ. އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން ބިއްލޫރި ތަކެއް ބަރު ކުރަނިކޮށް، ޕެލެޓެއް ދަށުވެ، މަރުވެފައި ވަނީ ނ. ލަންދޫ/ފޭރުގަސްދޮށުގޭ، އުމުރުން 27 އަހަރުގެ އަބްދުﷲ އާސިމްއެވެ.
ބިއްލޫރި ޕެލެޓް ދަށުވެ ތާށިވި އާސިމަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަން އެނގެއެވެ. ކޮންޓެއިނަރުގެ ބިތާއި ބިއްލޫރިތަކާ ދެމެދު އޭނާ ތާށީވެފައި އޮތް އިރު، ބިއްލޫރި ޕެލެޓް އޮތީ އޭނާގެ މޭ މަތީއެވެ. އަދި އޭނާގެ އެއް އަތް ބިއްލޫރިތައް މަތީ އޮތް އިރު، އެ އަތަށް ވެސް ވަރަށް ބޮޑު ޒަހަމްތަކެއް ލިބިފައިވާ ކަމަށް ބެލެވެއެވެ.
އެރޭ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުން ކޮށްގެން މަސައްކަތް ކުރަމުން ދިޔައީ ޖުމްލަ ތިން މީހެކެވެ. އޭގެ ތެރެއިން އެކަކަށް އެއްވެސް އަނިޔާއެއް ނުވެ ސަލާމަތް ވި އިރު ދެން ތިބި ދެމީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ. ޕެލެޓް ދަށުގައި ތާށިވީ، ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު އެ ޕެލެޓް ނެރުމަށް ހަރަކާތްތެރި ވަމުން ދިޔަ އާސިމްއެވެ.
އެ ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލު ވަރަށް ގާތުން ބަލަމުން ދާ ކަމަށް އެމްޕީއެލުން ބުނެފައިވާއިރު އެ ހާދިސާ ތަހުގީގު ކޮށް އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ. އެމްޕީއެލް އިން ބުނީ މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތް ތަކެއް ކުރާ ތަނަކަށް ވާތީ، ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހަރަކާތްތެރި ވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް އެކުންފުނިން ބޮޑު އަހައްމިއްޔަތެއް ދޭ ކަމަށެވެ.