ރައްޔިތުންގެ މަޖިލީހުގެ ގިނަ ދުވަސްވީ ލިޔުންތަކާއި ޔައުމިއްޔާތަކާއި، މަޖިލީހުގެ ކަން ހިންގަމުންދިޔަ ގޮތުގެ ލިޔުންތަކާއި އަދި ކުރީއްސުރެ ފަށައިގެން އުފެދިގެން އައި ގާނުނުތައް ފެންނަގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކުތުބުހާނާ އަދި ޑިޖިޓަލް އާކައިވް އިފްތިތާހު ކޮށްފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ކުތުބުހާނާ އަދި ޑިޖިޓަލް އާކައިވް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުތުބުހާނާއިން މި ވަގުތު ފޯރުކޮށް ދެމުންދާ ހިދުމަތްތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރުންނަށާއި މުވައްޒަފުންނަށް ފޮތް ދޫކުރުމުގެ ހިދުމަތްތަކާއި، ރިފަރެންސްގެ ހިދުމަތްތަކާއި އަދި ކޮމްޕިއުޓާ ޓާމިނަލްތަކުގެ ހިދުމަތްތައް ހިމެނެއެވެ.

މަޖިލީހުގެ ކުތުބުހާނާގެ ހިދުމަތް ކޮންމެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:30 އިން މެންދުރު 1:30 އަށް އަދި ރަމަޟާން މަހު ކޮންމެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 9:30 އިން މެންދުރު 12:30 އާއި ހަމައަށް ލިބޭނެއެވެ.

މަޖިލީހުގެ ކުތުބުހާނާއިން ލިބެން ހުރި މައުލޫމާތުތައް ބެހިގެން ވަނީ މައިގަނޑު 4 ދާއިރާއަކަށެވެ. އެއީ، އާންމު މައުލޫމާތާއި، ރިފަރެންސާއި ދިވެހިރާއްޖެއާ ގުޅުންހުރި މައުލޫމާތު އަދި ހާއްސަ ކަލެކްޝަންތަކެވެ. ހާއްސަ ކަލެކްޝަންތަކުގެ ދަށުން ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، މިނިވަން މުސްތަގިއްލު މުއައްސަސާތަކާ ގުޅުންހުރި މައުލޫމާތުތަށް ލިބޭއެވެ. އަދި، އާންމު ކަލެކްޝަނުން ގިނަވެގެން ކޮންމެވެސް 2 ފޮތެއް 14 ދުވަސް ވަންދެން ގެންދިއުމުގެ ހުއްދަ މަޖިލީހުގެ ލައިބްރަރީގެ ހިދުމަތްތަކުގެ ބޭނުން ކުރާ ފަރާތްތަކަށް ލިބޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުތުބުހާނާ 2006ގައި ފުރަތަމަ ހުޅުވުމަށްފަހު ޖާގައިގެ ދަތިކަމާ ހެދި ގިނަ ހިދުމަތްތަކެއް ފޯރުކޮށް ދިނުމުގައި އުދަގޫތަކެއް ކުރިމަތި ވިއެވެ. ނަމަވެސް، މަޖިލީހުގެ އާ އިމާރާތް ހުޅުވުމުގެ ސަބަބުން މިކަމަށް ހައްލެއް ލިބިގެން ދިޔައެވެ. މަޖިލީހުގެ ލިޔުންތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފެށުނީ 2019 ގައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ފުރިހަމަ ކަމާއެކު މަޖިލީހުގެ ކުތުބުހާނާ އަދި ޑިޖިޓަލް އާކައިވްގެ އިތުރު ހިދުމަތްތައް ފޯރުކޮށް ދިނުމުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން ކުރަމުންދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.