އއ. މަތިވެރީގައި ފުރަބަންދުގައި ތިބި ބަޔަކު ޕޮޒިޓިވްވެފައި ވާއިރު މިހާތަނަށް އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ 3 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލް ރައީސް އިސްމާއިލް އާތިފް ވިދާޅުވީ، މަތިވެރިން ފެނުނު ކޭސްތަކާ ގުޅިގެން ރަށް މޮނިޓަރިންއަށް ލީފަހުން އިތުރު މީހަކު އިއްޔެ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ޕޮޒިޓިވްވި މީހާއަކީ ފުރަބަންދުގައި ތިއްބާ ޕޮޒިޓިވްވި ދެމަފިރިންނާ އެއް ގެއެއްގައި ދިރިއުޅޭ މީހެއް ކަމަށާއި އެއީ އަންހެނެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ރަށް މޮނިޓަރިންއަށް ލާފައި ވަނީ ފުރަބަންދުގައި ތިބި ދެމަފިރިއަކު މި މަހުގެ 21 ވަނަ ދުވަހު ޕޮޒިޓިވް ވެ، އެ ކޭސް އާ ގުޅިގެން އިތުރު 2 ކޭސް އެއް އެރަށުން ފެނުމާ ގުޅިގެންނެވެ. އެ ގޮތުން މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ ރަށުން ފެނުނު ކޭސް އާ ގުޅިގެން ޕޮޒިޓިވް ވެފައި ވަނީ 2 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ. އެއީ ފުރަބަންދުގައި ތިބި ދެމަފިރިންގެ މާމަ އަދި ކާފަ ދަރިންނެވެ.
މި ކޭސްތަކާ ގުޅިގެން އެ ރަށުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައި ރެންޑަމް ސާމްޕަލް ނެގުމުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ގޮތުން މިހާތަނަށް ވަނީ 47 ސާމްޕަލެއްގެ ނަތީޖާ ނެގެޓިވް ވެފައި ކަމަށާއި އަދި ނަތީޖާ ނުލިބޭ 19 ސާމްޕަލް އެބަ ހުރި ކަމަށް އާތިފް ވިދާޅުވިއެވެ. މީގެ އިތުރުން މިއަދުވެސް އިތުރު 47 ސާމްޕަލެއް ނަގާފައި ވާ ކަަމަށް އޭނާ ވިދާޅުވިއެވެ.
މަތިވެރިން ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ހިމެނޭ ދެ ކުޑަކުދިން ގެ ތެރެއިން އެއް ކުއްޖަކީ ސްކޫލަށް ކިޔަވަން ދިޔަ ދަރިވަރެކެވެ. އަނެއް ކުއްޖާ އަކީ ޤުރުއާން ކްލާހަކަށް ކިޔަވަން ދިޔަ ކުއްޖެކެވެ.
އއ. މަތިވެރި މޮނިޓަރިންގެ ހާލަަތަށް ބަދަލުކުރި އިރު މިހާރު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށަކީ މ. ކޮޅުފުށި އާއި ގދ. ތިނަދޫ އާއި ހއ. މުރައިދޫ އެވެ. މި ކޮޅުފުށީ އަދި ތިނަދޫ މޮނިޓަރިންގެ ހާލަަތަށް ބަދަލުކޮށްފައި ވަނީ އެ ދެ ރަށުން ވެސް މާލެއަށް އައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. ހއ. މުރައިދޫ މޮނިޓަރިންއަށް ބަދަލު ކުރީ ބަލީގެ އަލޟަަތް ހުރި މީހަކު އެ ރަށުން ޕޮޒިޓިވްވުމާ ގުޅިގެންނެވެ.