ރާއްޖޭގައި ކޮވިޑް-19 ފެތުރުން އިތުރު ވެފައިވީ ނަމަވެސް މިސްކިތްތައް ބަންދުކުރަން މަޝްވަރާ ކޮށްފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

"ދަ ޕަރެސް" އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް، އިސްމާއިލް އަފްރާހް ވިދާޅުވީ ކޮވިޑް ކޭސްތައް ގިނަވެ، އާ ވައްތަރުގެ ކޮވިޑް ރާއްޖެއިން ފެނިފައިވީ ނަމަވެސް މިސްކިތައް ބަންދު ކުރަން މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.

މީގެ ކުރިން، މިދިޔަ އަހަރު ކުރީކޮޅު ކޮވިޑް ފެތުރި މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށް ޖަމާއަތުގައި ނަމާދު ކުރުން މަޑުޖައްސާލާފައި އޮތުމަށްފަހު ފުރަބަންދަށް ދިން ލުޔާއެކު މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރަން ފަށަފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.

އެ ފަހުން މި އަހަރު ކޮވިޑަށް ޕޮޒިޓިވްވާ މީހުން ގިނަވެފައިވާތީ ރައްކާތެރި ވުމުގެ ގޮތުން މާލެ ސަރަހައްދުގައި އަނެއްކާވެސް ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

މިހާރު ރޭގަނޑު 8:30 އިން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާ އިރު، ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކާފިއު ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން މިއަދުން ފެށިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން އަދި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 10:30 އެވެ.

ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވަނީ ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ، ބަލިން ރައްކާތެރި ވުމުގެ ގޮތުންނެވެ.