ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވެ، ހަނގުރާމައަށް މީހުން ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު އަމީނަށް ޖަލުގައި ހުރެ ބޭސްފަރުވާގެ ހިދުމަތް ބަރާބަރަށް ނުލިބޭތީ، ޝަރީއަތް ނިމެންދެން ގޭ ބަންދަށް ބަދަލު ކުރަން މިއަދު ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ޓެރަރިޒަމްގެ 2 ދައުވާއެއް އުފުލާފައިވާއިރު، އެއީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އަމީންގެ މައްޗަށް މައްޗަށް ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައި ވަނީ މިދިޔަ ޑިސެމްބަރު 5، 2019 ގައެވެ. އަދި އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރު ކުރީ ޑިސެމްބަރު 15، 2019 ގައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އަމީންގެ ބަންދު މުރާޖައާ ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އަމީނަކީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްކަން ފާހަގަކޮށް އޭނާ ބަންދުން ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ.

އަމީންގެ ފަރާތުން ދިފާއީ ވަކީލު ފާހަގަ ކުރެއްވީ މީގެ ކުރިން ވެސް ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ބަލި ހާލަތާ ހެދި ދޫކޮށްފައިވާ ކަމެވެ. އަދި އަމީން ބަލި ހާލަތު ގޯސްވަމުންދާ އިރު އޭނާއަށް އެކަށީގެންވާ ވަރަށް ކަރެކްޝަންސްއިން ބޭސްފަރުވާ ނުކުރާ ކަމަށް ބުނެ އޭނާ ދޫކޮށްލަން އޭނާގެ ފަރާތުން އެދުނެވެ. ގޭ ބަންދުގައި ބަހައްޓައިގެން ފަރުވާ ދެވޭނެ ގޮތަށް އެއް މަސް ދުވަހަށް އޭނާ ދޫކޮށްލެވޭނެ ނަމަ އެ ގޮތަށް ދޫކޮށްލަންވެސް އެދުނެވެ. އަމީން އަކީ އާތުރައިޓިސް ނުވަތަ ރާއްޖެ ބަލި ހުންނަ މީހެކެވެ.

ނަމަވެސް، ކަރެކްޝަންސްގެ އޮފިޝަލުން ބުނެފައި ވަނީ އޭނާއަށް ބޭސްފަރުވާ ދެމުން ގޮސްފައިވާ ކަމަށެވެ. އޭނާ ޑޮކްޓަރަށް ގެން ދިޔަ ތާރީހުތައްވެސް އަޑުއެހުމުގައި ކިޔައި ދިނެވެ. ޑޮކްޓަރަށް ދެއްކި ނަމަވެސް، ބޭނުންވާ ފަރުވާ ނުލިބޭ ކަމަށް އަމީން ބުނެފައިވެ އެވެ.

ދައުލަތުން ވެސް ބުނީ އަމީނަށް ޖަލުގައި އެކަށީގެންވާ ވަރަށް ބޭސްފަރުވާ ދެވޭ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން އޭނާގެ ބަންދު ދެމެހެއްޓުމަށް އެދުނެވެ.

ބަންދާ މެދު ގޮތެއް ނިންމަމުން، އިސް ގާޒީ އަހުމަދު ޝަކީލު ފާހަގަ ކުރެއްވީ، އަމީނަށް ބޭސްފަރުވާ ނުލިބޭ ވާހަކަ އޭނާ ބަންދު ކުރިތާ މިވީ 14 މަސް ދުވަހުގެ ތެރޭގައި އޭނާ ދައްކަމުން ގޮސްފައިވާ ކަމެވެ. ނަމަވެސް، މިއަދާ ހަމައަށްވެސް އޭނާއަށް އެންމެ އެކަށީގެންވާ ވަރަށް ބޭސްފަރުވާ ދެވިފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން އަމީނަށް ގޮޅިން ނުކުމެ ހިނގާ ކަސްރަތުކޮށް އުޅުމުގެ ހައްގުވެސް އެންމެ އެކަށީގެންވާ ވަރަށް ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެ ދެ އަސާސީ ހައްގު އެންމެ ފުރިހަމައަށް އޭނާއަށް ލިބިފައި އޮތް ކަމަށް ގަބޫލު ނުކުރެވޭތީ ޝަރުތުތަކާއެކު އޭނާ ގޭބަންދަށް ބަދަލު ކުރަން ނިންމީ ކަމަށް ޝަކީލު ވިދާޅުވި އެވެ.

އެ ޝަރުތުތަކަކީ ދިރިއުޅޭ ގެއިން ބޭރަށް ނުނިކުތުމާއި، ޝަރީއަތަށް އެއްބާރުލުން ދިނުމާއި، ތުހުމަތު ކުރެވޭ ޒާތުގެ އެހެން ކުށެއް ނުވަތަ އެ ނޫން އެއްވެސް ކުށެއް ނުކުރުމެވެ. ހެއްކެގެ ގޮތުގައި ނޫސް ބަޔާނަކާއި މިއަދު ހައިކޯޓުން ނިންމި ނިންމުމެއް ހުށަހަޅަން ވެސް ދިފާއުން އެދުނެވެ. އެކަންކަމާ މެދު ގޮތެއް ނިންމާނީ މި މަހުގެ 25 ވަނަ ދުވަހު އޮންނަ އަޑުއެހުމުގަ އެވެ.

ދައުލަތުން ތުހުމަތު ކުރާ ގޮތުގައި އަމީނަކީ ރާއްޖޭގެ އައިއެސް ޖަމާއަތުގެ އިސް ލީޑަރެވެ. އެކަމަށް ބާރުދޭ ހެކިވެސް ދައުލަތުން ހުށަހަޅާފައި ވާނެ ކަމަށް މިއަދު ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަމީންގެ ފަރާތުން ބުނެފައި މިއަދާ ހަމައަށް ވެސް އެއީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތެއް ކަމަށާއި އެކަން އެއްވެސް ފަރާތަކުން ކަނޑައަޅާފައި ނުވާ ކަމަށެވެ.

އަމީންއަކީ 20017 ވަނަ އަހަރު ސަލްޓަން ޕާކް ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުން ހޯދި މީހެކެވެ. ނަމަވެސް އޭނާ ވަނީ ރާއްޖެއިން ބޭރަށް ފިލައިގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅެފައެވެ. އެފަހަރު އޭނާ ހައްޔަރުކުރީ ރެެޑް ނޯޓިސް ނެރެގެން ލަންކާގައި ހުއްޓައެވެ. ހައްޔަރުކޮށްގެން ރާއްޖެ ގެނެސް 2012 ގައި އޭނާ ވަނީ ދޫކޮށްލާފައެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފަ އެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެހި ރައްޔިތެވެ.