ޖަލުގައި ތަފާތު ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުން ވަކިން ގެންގުޅެން އިސްކަންދެއްވާނެ ކަމަށް ހޯމް މިނިސްތަރު މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު މާފުށި ޖަލުގައި "ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް" ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރު އިމަރާން ދެއްކެވި ވާހަކައިގައި ވިދާޅުވީ އެޔުނިޓަކީ ޖަލުތަކުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ދެނެގަނެ އެމީހުން ރިހިބިލިޓޭޓްކޮށް، ފަރުވާ ދިނުމަށް ހާއްސަ ޔުނިޓެއް ކަމަށެވެ.

50 ގޮޅި ހިމެނޭ އެ ޔުނިޓް ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ އެ މަސައްކަތުގެ ސަބަބުން ޖަލުތަކުގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ވަރަށްބޮޑު ހައްލެއް އަންނާނެކަމަށާއި އަދިވެސް ޖަލުގައި ތަފާތު ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުން ވަކިން ގެންގުޅެން އިސްކަންދީ މަސައްކަތް ކުރައްވާނެކަމަށެވެ.

އެއީ ކުށްވެރިން ރިހިބިލިޓޭޓްކުރަންވެސް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ތަފާތު ކުށްވެރިންނަށް ތަފާތު ގޮތުގައި ރިހިބިލިޓޭޓް ޕްރޮގްރާމް ހިންގާ، ދޭންޖެހޭ ފަރުވާދީ ކަންކަން ތަރުތީބުކުރުން އެއީ އެންމެ މުހިންމު އެއްކަންތައްކަމަށެވެ. އެގޮތުން އެފަދަ ކުށްވެރިން އެތަނަށް ބަދަލުކޮށް އެމީހުންނަށް ހާއްސަ ޕްރޮގްރާމްތައް ހިންގާ އެމަސައްކަތް ފެށިގެން ދިއުމުން ޖަލުގައި ހަރުކަށި ފިރުކު ފެތުރުން ހުއްޓޭނެކަމަށެވެ.

މިތަނަށް ގެނެވޭ އެފަދަ ފިކުރެއްގައިހުރި މީހަކު ހެޔޮލަފާ ރަނގަޅު މީހެއްގެ ގޮތުގައި ނިކުމެ އުފެއްދުންތެރި ފަރާތަކަށް ހެދޭ ދުވަސް އެއީ އަޅުގަނޑުމެން މިކުރާ މަސައްކަތުން ނެރެން ބޭނުންވާ ނަތީޖާއަކީ
މިނިސްޓަރު އިމްރާން

އޭގެއިތުރުން މިނިސްޓަރު ވިދާޅުވީ އިންފްރާސްޓްރަކްޗާ ބިނާކުރުމަކީ މަސައްކަތުގެ ކުޑަ މިންވަރެއްކަމަށާއި، ޖަލުތަކުގެ ހާލަތު ރަނގަޅުކުރެވޭނީ ޖަލު ބަލަހައްޓާ އޮފިސަރުންގެ ވިސްނުމާއި، ފިކުރު އެކަމަށް ތަމްރީނުކޮށް އެބޭނުންވާ ހުނަރުތައް ދީ އެއަށް ހާނުވައިގެންކަމަށެވެ. ގައިދީންނަކީ ސުލުހަވެރި ހެޔޮލަފާ މީހުންނަށް ހެދުމަށް އޮފިސަރުންގެ ވިސްނުމާއި، ފިކުރު ބައްޓަންކޮށް އެކަމަށް ބޭނުންވާ ހުނަރުތައް ދީގެންކަމަށެވެ. އަދި އެއީ އޮފިސަރުންގެ ދީނީ ގައުމީ ޒިންމާއެއްކަން އަމިއްލައަށް ގަބޫލުކުރެވިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރު ހަވާލުވެ ފުރަތަމަ އިސްކަންދިން އެއްކަމަކީ ޖަލުތަކުގެ ހާލަތު ދެނެގަތުންކަމަށާއި، އެމަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު މުހިންމު އެއްކަމަކީ ތަފާތު ކުށްތަކުގައި ބަންދުކޮށްފައިވާ މީހުން އެއްކޮށް ގެންގުޅުމުން ދިމާވާ މައްސަލަތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތަފާތު ވައްތަރުގެ ކުށްވެރިން އެއްކޮށްޓަކަށް ޖަމާކޮށް ގެންގުޅުމުގެ ސަބަބުން ތަފާތު ކުށްތައް ވައިރަހެއް ފަދައިން ފެތުރި އެންމެންނަށް އަރަމުން ދާ ކަމަށާއި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓްގެ މަސައްކަތަކީ ކޮވިޑްގެ ދަތިކަމާއެކުވެސް އެންމެން ގުޅިގެން ހިންގި ކާމިޔާބު ޕްރޮޖެކްޓެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޔުނިޓް ހުޅުވުމާ ހިސާބަށް އައިއިރު ހަރުކަށި ފިކުރުގެ މީހުން ދެނެގަނެ، އެމީހުންނާމެދު މުއާމަލާތްކުރާނެ ޚާއްޞަ ހުނަރުތައް އޮފިސަރުންނަށް ދިނުމަކީ މިއަދު ކޮށްފައިވާ އޮތް މުހިންމު ކަމެއްކަން ވެސް މިނިސްޓަރު އިމްރާން ފާހަގަކުރެއްވިއެވެ.